ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: ޒަޕޮރީޜިޔާ ޕްލާންޓުގައި ތަޅުއަޅުވައިފި


ޔޫކްރެއިނުގެ އިރުދެކުނުގައިވާ ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓުގެ މަސައްކަތްތައް ހުއްޓައިލާ، އެ ތަން ބަންދުކޮށްފިއެވެ. ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓު ނިއްވައިލާ، މަސައްކަތް ހުއްޓައިލާފައި ވަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމުގައި އެ ތަން ހިންގާ ކުންފުނި ކަމުގައިވާ އެނަރޖޯއެޓަމްއިން ބުނެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި، ރަޝިޔާގެ ފައުޖުތަކުން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތަކުގެ ތެރޭގައި ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ޕްލާންޓު ހިމެނެއެވެ. ނަމަވެސް، އެ ތަން އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރަމުން ގޮސްފައި ވަނީ ޔޫކްރެއިނުގެ މުވައްޒަފުންނެވެ.

އެނަރޖޯއެޓަމްއިން ބުނީ، ނިއުކްލިޔަރ ޕްލާންޓުގައި އެންމެ ފަހުން ބޭނުން ކުރަމުންދިޔަ 6 ނަންބަރު ޔުނިޓު މިހާރު ނިއްވައިލާފައިވާ ކަމުގައެވެ. އަދި، މިހާރު ކުރިއަށް ދަނީ އެ ޔުނިޓު ފިނިކޮށް، ރައްކާތެރި ހާލަތަކަށް ގެނައުމުގެ މަސައްކަތް ކަމުގައެވެ. އެ ޔުނިޓު ނިއްވައިލާފައި މި ވަނީ، ހަނގުރާމައިގެ ސަބަބުން އެ ތަނަށް އޮތް ނުރައްކާ އިތުރުވަމުން ދިޔުމާ ގުޅިގެންނެވެ.

ހަނގުރާމައިގައި ރަޝިޔާއާއި ޔޫކްރެއިނުގެ ފައުޖުތަކުގެ ދެމެދުގައި ބަދަލު ކުރަމުންދާ ހަމަލާތަކުގައި ޒަޕޮރީޜިޔާ ޕްލާންޓަށް ވެސް ވަނީ އެތަކެއް ފަހަރެއްގެ މަތިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އަމާޒުކޮށްފައެވެ. ނަމަވެސް، ދެ ޤައުމު ކުރެ އެއް ޤައުމަކުން ވެސް ހަމަލާތަކުގެ ޒިންމާ އުފުލާފައެއް ނުވެއެވެ. އިލްޒާމު އަޅުވައި އިނގިލި ދިއްކުރަނީ އަނެއް ޤައުމަށެވެ.

ޒަޕޮރީޜިޔާ ޕްލާންޓަށް ދޭ ހަމަލާތަކާ ގުޅިގެން އެ ތަނުން ރޭޑިޔޭޝަން ލީކުވެ، ނިއުކްލިޔަރ ކާރިސާއެއް ހިނގައިފާނެ ކަމުގެ ބުނެ، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައި.އޭ.އީ.އޭ)އިން ވަނީ ތަކުރާރުކޮށް އިންޒާރު ކޮށްފައެވެ. އަދި، އެ އިދާރާގެ އިސްވެރިންގެ ޓީމެއް ދާދި ފަހުން ވަނީ އެ ތަނަށް ޒިޔާރަތް ކޮށް، ހަމަލާތަކިގައި އެ ތަނަށް ލިބިފައިވާ ގެއްލުންތައް ބަލާފައެވެ.

ޒަޕޮރީޜިޔާ ޕްލާންޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، އެ ސަރަޙައްދަކީ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވެސް ވަނީ ގޮވައިލައްވާފައެވެ. ނަމަވެސް، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ދެ ޤައުމުގެ ފައުޖުތަކުގެ މެދުގައި ހުއްޓުމެއް ނެތި ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތައް މިނިވަން ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން މިހާރު ދަނީ ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ. މި ކެމްޕޭނުގެ ދަށުން އެ ޤައުމުގެ އިރުއުތުރުގައިވާ ޚާރްކިވްގެ ބައެއް ސަރަޙައްދުތައް މިނިވަން ކޮށްފައިވާ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ.

މި ކެމްޕޭން އެ ޤައުމުގެ އުތުރުގެ ޑޮންބެސް ސަރަޙައްދުގެ އިތުރުން ދެކުނުގައިވާ އިތުރަށް ވަރުގަދަ ކުރަމުން ގެންދާ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ. ޔޫކްރެއިނުގެ ފަސްބައިކުޅަ އެއްބައި މި ވަގުތު އޮތީ ރަޝިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ. އެ ސަރަޙައްދުތައް އަލުން މިނިވަން ކުރުމަށް ޔޫކްރެއިނުން ފަށާފައިވާ ކެމްޕޭން ނާކާމިޔާބު ކޮށްލަން ރަޝިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެ ސަރަޙައްދުތަކަށް އިތުރު ސިފައިންނާއި ބަރު ހަތިޔާރު ފޮނުވަމުންނެވެ.