ޚަބަރު

ލޭންޑް ޔޫސް މައްސަލައަށް ޙައްލެއް، ބައިބަޔަށް ހުއްދަ ދެނީ!


ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ލޭންޑު ޔޫސް ޕްލޭންތައް ފާސްނުވިނަމަވެސް، ކޮންޑިޝަނަލް އެޕްރޫވަލްއެއް ނުވަތަ ވަގުތީ ހުއްދައެއް ދެއްވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ގަމުގައި ކުރިއަށްދާ ވިއަވަތި ރާއްޖެ މަހާސިންތާގައި ކައުންސިލްތަކުން ވަނީ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ ފާސްކުރުމަށް ޕްލޭނިން މިނިސްޓްރީއަށް ފޮނުވިނަމަވެސް، ކުދިކުދި މައްސަލަތަކާއި ގުޅިގެންވެސް ލޭންޑް ޔޫސް ޕްލޭންތަކަށް ހުއްދަ ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ކޮންފަރެންސްގައި ލޭންޑު ޔޫސް ޕްލޭނާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމް ވަނީ ލޭންޑް ޔޫސް ޕްލޭންތަކުގައި ފާހަގކުރެވިފައިވާ މައިގަނޑު މައްސަލަތައް ހިއްސާކުރައްވާފައެވެ.

ލޭންޑް ޔޫސް ޕްލޭން ތަކުގައި މައިގަނޑުގޮތެއްގައި ހުންނަ މައްސަލަތައް

  • - ރަނގަޅު ނޫން ސާރވޭއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭން
  • - ޒޯންތަކުގެ ބިންތައް ލޭބަލް ކޮށްފައި ނުހުރުން
  • - އަލަށް ޕްލޭން ކުރެވޭ ސަރަަހއްދުތަކުގެ ކަން ވަށްކުރެވިފައި ނުހުރުން
  • - ރަށުގެ އީ.ޕީ.ޒެޑްއަށް އެކަށީގެންވާ ބޮޑުމިން ދޫކުރެވިފައި ނުވުން
  • - މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރިން ސިނާއީ މަސައްކަތަށް ބިން ޒޯން ކުރެވިފައިހުރުން

މި ޕްރެޒެންޓޭޝަނަށްފަހު އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވަނީ މުޅި ލޭންޑް ޔޫސް ޕްލޭން ފާސް ނުކުރެވުނުނަމަވެސް، ވަގުތީ ހުއްދައެއް ނުވަތަ މަޝްރޫޢުތައް ހިންގުމުގެ ހުއްދައެއް ދެއްވަން ފެނިވަޑައިގަންނަވާކަމަށް ހުށައަޅުއްވާފައެވެ.
މިއާއެކު ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ބައެއް ލޭންޑް ޔޫސް ޕްލޭންތަކުގައި ކުދި މައްސަލަތައް ހުންނަކަމަށެވެ. އެއީ ކުޑަ ކަމެއް އިސްލާހުކޮށްލައިގެންވެސް މުޅި ޕްލޭން ފާށސްކުރެވިދާނެފަދަ ލޭންޑު ޔޫސް ޕްލޭންތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ، މުޅި ޕްލޭން ފާސް ނުކުރެވުނު ނަމަވެސް، "ކޮންޑިޝަނަލް ޕާޝަލް އެޕްރޫވަލްއެއް:" ނުވަތަ ވަގުތީ ހުއްދައެއް ދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

"ލޭންޑު ޔޫސް ޕްލޭންގައި މަދުވާ އެއްޗަކީ މިއީއޭ. ދެންބޭނުންވަނީ މިކަމޭ. ދެން ހުރި އެއްޗެއްގަ މައްސަލައެއް ނެތޭ. އެފަދަ ހާލަތުގައި ހުއްދަ ދެވުނަސް، މުޅި ޗާޓު ނުބައިކޮށް އިންދަ އެޕްރޫވަލްއެއް ނުދެވޭނެ. މިސާލަކަށް ނުބައިި ތަނެއްގަ އިންޑަސްޓްރިއަލް ޒޯނެއް އޮވެދާނެ. އެ ނަގާފަ އެހެންތަނަކަށް ލީމައޭ އެޕްރޫވަލް ލިބޭނީ." މިނިސްޓަރ ވިދާޅުވިއެވެ.

ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން މި ސެޝަންގައި ވާހަަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ދަތިތަކެއް ހުރިނަމަ ޤާނޫނަށް އިޞްލާހު ގެނެސްގެންވެސް މައްސަލަ ހައްލުކުރުމަށް ފެނިވަޑައިގަންނަވާކަމަށެވެ.

"ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ހުރިހާ ކައުންސިލަކަށް ދަތިތަކެއް ހުރިކަމަށް ފާހަގަކުރެއްވޭނަމަ، ޤާނޫނަށް ބަދަލުތަކެއް ގެނެސްގެންނަމަވެސް، މައްސަލަތައް ހައްލުކޮށް، ލޭންޑް ޔޫޒް ޕްލޭންތައް ހެދޭނެ މަގު ފަހިކުރަން ޖެހޭ." ރައީސް ވިދާޅުވިއެވެ.

މިފަހަރުގެ ވިއަވަތި ކޮންފަރެނސް ޚާއްޞަކުރަނީ ރާއްޖޭގެ އެންމެ ދެކުނުގެ 7 އަތޮޅުގެ ރަށްތަކަށް ކަމަށްވާއިރު، އެ 7 އަތޮޅުން ލޭންޑް ޔޫސް ފާސްވެފައިވަނީ އެންމެ 4 ރަށެއްގެއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޭންޑް ޔޫސް ޕްލޭން، ހެދުން ކައުންސިލްތަކަށް ލާޒިމްކުރެއެވެ. އެޤާނޫނުގައި ބަޔާންކުރަނީ، ކައުންސިލްތަކުގެ އިންތިޚާބަށްފަހު އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު 3 މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެރަށެއްގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލައްވާނެކަމަށެވެ. ނަމަވެސް ކައުންސިލަރުން ހުވައިކުރިތާ އަހަރެއް ފާއިތުވިނަމަވެސް ގިނަ ކައުންސިލްތަކުން ލޭންޑު ޔޫސް ޕްލޭން އެކުލަވާލާފައިނުވެއެވެ.

މިހާތަނަށް 68 ރަށެއްގެ ކައުންސިލަކުން ލޭންޑު ޔޫސް ޕްލޭން ހުށައަޅާފައިވާކަމަށާއި، އޭގެ ތެރެއިން 19 ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފައިވާކަމަށެ އެލްޖީއޭއިން ވަނީ ވިދާޅުވެފައެވެ.

ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ލޭންޑު ޔޫސް ޕްލޭންތައް ފާސްނުވިނަމަވެސް، ކޮންޑިޝަނަލް އެޕްރޫވަލްއެއް ނުވަތަ ވަގުތީ ހުއްދައެއް ދެއްވުމަށް ސަރުކާރުން ނިންމެވުމުން، ކައުންސިލްތަކުން ވަނީ އެކަމަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ.