ކުޅިވަރު

ޔޫއެސް އޯޕަން: ޖެބުއާ ބަލިކޮށް އަންހެން ޗެމްޕިއަންކަން ސްވިއަޓެކަށް


އަހަރުގެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޕޯލަންޑުގެ އީގާ ސްވިއަޓެކް ހޯދައިފިއެވެ.

މިމުބާރާތް ސްވިއަޓެކް ކާމިޔާބުކުރީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗްގައި ޓިއުނީޝިއާގެ އޯންސް ޖެބުއަރ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއެކު ހައެއް ދެއަކުން މުބަރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ސްވިއަޓެކް ކާމިޔާބުކުރިއިރު ޖެބުއަރއަށް ކިރިއާވެސް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތްވީ ދެވަނަ ސެޓްގެ ތެރޭގައެވެ. ނަމަވެސް އެއާއެކުވެސް އޭނާއަށް ސްވިއަޓެކްގެ މައްޗަށް ކުރި ހޯދޭގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ދެވަނަ ސެޓް ޓައި ބްރޭކް އަކަށް ގޮސް ހަތެއް ހަޔަކުން ކުރި ހޯދާ ސްވިއަޓެކް މެޗް ކާމިޔާބު ކުރުމެވެ. މިއީ ސްވިއަޓެކް ކާމިޔާބުކުރި ގްރޭން ސްލޭމްގެ ތިންވަނަ މުބާރާތެވެ. ނަމަވެސް މީގެކުރިން އޭނާއަށް ކާމިޔާބު ކުރެވިފައިވަނީ ފްރެންޗް އޯޕަންގެ ދެ މުބާރާތެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސްވިއަޓެކް ހާމަކުރިގޮތުގައި އޭނާއަށް ފަހަކަށް އައިސް ދެްކެމުންދާ ކުޅުމަސް ބަލާ މިމުބާރާތާއި މެދު މާބޮޑު އުންމީދެއް ނުކުރާކަމަށެވެ. ސްވިއަޓެކް ވަނީ އެންމެފަހުން ބޭއްވި ވިމްބަލްޑަން ޓެނިސް މުބާރާތުގެވެސް ހަތަރު ވަނަ ބުރުން ބަލިވެފައެވެ. ނަމަވެސް މިފަހަރުގެ ޔޫއެސް މުބާރާތުގައި އޭނާގެ ފަރާތުން މެޗަކަށްފަހު މެޗެއްގައި ފެނިގެންދިޔައީ ކުޅުން ރަނގަޅުވަމުންދިޔަ ތަނެވެ.

މިމުބާރާތުގެ ނާކާމިޔާބީއާއެކު ޖެބުއަރ އަށް މިވަނީ ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރުމަށް ކުރާ އުންމީދުގެ އިންތިޒަރު އަނެއްކާވެސް ދިގުވެގެން ގޮސްފައެވެ. މިއީ ސިޒީޒަންގައި އޭނާ ފައިނަލަށް ދަތުރު ކޮށް ބަލިވި ގްރޭން ސްލޭމްގެ ދެވަނަ މުބާރާތެވެ. ވިމްބަލްޑަން ތެނިސް މުބާރާތުގެ ފައިނަލްގައިވެސް ޖެބުއަރއަށް ފައިނަލްގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ނަމަވެސް މިމުބާރާތުގެ ފައިނަލަށް ދަތުރު ކުރުމާއެކު އޭނާގެ ދުނިޔޭގެ ރޭންކިންގ މިވަނީ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. މިމުބާރާތުގެ ފިރިހެން ސިންގަސްލް ފައިނަލް މެެޗް މިރޭ ކުޅޭނެއެވެ. މިރޭގެ ފައިނަލް މެޗްގައި ވާދަ ކުރާނީ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ނޯވޭގެ ކެސްޕަރ ރުޑްއެވެ. މިމުބާރާތް ކާމިޔާބު ކުރާ ކުޅުންތެރިޔަކަށް ދުނިޔޭގެ ރޭންކިންގގެ އެއްވަނަ ލިބޭނެކަން މިހާރުވަނީ ކަށަވަރުވެފައެވެ.