ކުޅިވަރު

ސްޓުޓްގާޓުން ބަޔާން މޮޅުވިޔަ ނުދީ ހިފަހައްޓައިފި


ޖަރުމަން ލީގުގައި އިތުރު ވަގުތުގައި ކާމިޔާބުކުރި ޕެނަލްޓީއާއެކު ސްޓުޓްގާޓުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ބަޔޭންއިންނެވެ. މިލަނޑު ބަޔޭން އަށް ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ ޒުވާން ކުޅުންތެރިޔާ މެތީސް ޓެލްއެވެ. މިލަނޑާއެކު އޭނާ ވަނީ ބުންޑަސްލީގާގައި ބަޔޭންއަށް ލަނޑު ޖަހާދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.

މިމެޗްގައި ސްޓުޓްގާޓްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ކްރިސް ފަރރިޗްގެ ލަނޑުންނެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ބަޔޭންއިން ވަނީ ދެވަނަ ފަހަރަށް މިމެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖަމާލް މުސިއެލާއެވެ. އުމުރުން 19 އަހަރުގެ މުސިއެލާގެ ލަނޑާއެކު މިމެޗް ބަޔޭންއަށް ކާމިޔާބު ވާނެކަމަސް ހިވި ނަމަވެސް މެޗްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކާއެކު ސްޓުޓްގާޓުން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ސަރހޫ ގުއިރާސީއެވެ.

މިމެޗް އެއްވަރުވި ނަމަވެސް ބަޔޭން އަދި އުޅެނީ ފައިދާ ގޯލަށް ބަލާއިރު ތާވަލްގެ އެއްވަނައިގައެވެ. އެއީ 6 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކުއެވެ. ނަމަވެސް ފްރެއިބަރގް މިރޭ ކުޅޭ މެޗް އެޓީމް ކާމިޔާބުކޮށްފި ނަމަ އެޓީމް ތާވަލްގެ އެއްވަނައަށް 15 ޕޮއިންޓާއެކު އަރާނެއެވެ.