ސްޕެނިޝް ލީގުގައި ކަޑީޒް ބަލިކޮށް ލީގު ތާވަލުގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.
ކެޑީޒްގެ ދަނޑުގައި ކުޅުނު މިމެޗް ބާސާއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. މިމެޗް ނިމެން 10 ވަރަށް މިނެޓަށް ވެފައިވަނިކޮށް ކުޅިބެލުންތެރިޔަކަށް ދިމާވި އެމަޖެންސީއަކާއި ގުޅިގެން މެޗްވަނީ 50 މިނެޓަށް މެދު ކަނޑާލާފައެވެ. ބާސާގެ ކޯޗް ޒާވީ ހެނާންޑޭޒް ހާމަކުރިގޮތުގައި އެހާދިސާ އާއި ގުޅިގެން ދެކްލަބުންވެސް މެޗް މެދުކަނޑާލަށް އެއްބަސްވިކަމަށެވެ. އަދި އިންސާނެއްގެ ފުރާނައަށް ވުރެ ފުޓްބޯޅަ މުހިންމު ނޫން ކަމަށްވެސް އޭނާ ހާމަކުރިއެވެ. މިހާދިސާ ދިމާވި ސަޕޯޓަރު ވަނީ ފަހުން އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އޭނާގެ ފުރާނަ ސަލާމަތް ކުރެވުނުކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ބާރސާގެ ފުރަތަމަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހާދިނީ ފްރޭންކީ ޑި ޖޮންގއެވެ. އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ނަޖާދިނީ ޕޯލަންޑްގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭނާ ހަ މެޗްގައި ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. މިމެޗްގައި ބާރސާގެ ތިންވަނަ ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހާދިނީ އަންސޫ ފާތީއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ އުސްމާން ޑެންބެލޭއެވެ.
މިކާމިޔާބީއާއެކު ބާރސާ މިހާރު މިވަނީ އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެވެ. އަދި ފަސް މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު މިހާރު ވަނީ ތާވަލްގެ އެއްވަނައަށް އަރާފައެވެ. ނަމަވެސް އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މިރޭ ރެއާލް މަޔޯކާ އާއި ބައްދަލުކުރާ މެޗް ކާމިޔާބުކޮށްފި ނަމަ އަލުން ތާވަލްގެ އެއްވަނައަށް އަރާނެއެވެ.