ވިޔަފާރި

އައުޓްބޯޑް އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް އެލައިޑުން ފަށައިފި


އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް އޮޑިދޯނިފަހަރު އިންޝުއަރެންސްކުރާ ފަރާތްތަކަށް ހަސަން މެރިންގެ މާކިޔުރީ އައުޓްބޯޑް އިންޖީނެއް ހޯދުމުގެ ފުރުޞަތު އެލައިޑުން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލިކަން އިޢުލާންކުރީ މިއަދު ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.މި ރަސްމިއްޔާތުގައި ޕްރޮމޯޝަންގެ ޕާރޓްނަރގެ ގޮތުގައި ހަސަން މެރިން އިންޖިނިއަރިންގ ސޮލިއުޝަންސް ހަމަޖައްސައި އެލައިޑާ އެކުންފުންޏާ ދެމެދު ޕްރޮމޯޝަންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. ހަސަން މެރިންގެ މާކިޔުރީ އައުޓްބޯޑް އިންޖީނެއް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އެޕްރިލް މަހުގެ 30 ވަނަ ދުވަހާ ދެމެދު އެލައިޑް ހަލް ތަކާފުލް މެދުވެރިކޮށް އޮޑިދޯނިފަހަރު އަލަށް އިންޝުއަރެންސްކުރާ ފަރާތްތަކަށެވެ.މި މުއްދަތުގައި އެލައިޑް އަދި އަޔާދީގެ ޓީމްތަކުން ރާއްޖޭގެ 5 ސަރަޙައްދަކަށް ދަތުރުކޮށް ހަލް އިންޝުއަރެންސް އަދި ހަލް ތަކާފުލްގެ މަޢުލޫމާތު ފޯރުކޮށްދީ ޚިދުމަތް ނަގަން ބޭނުންވާ އޮޑިވެރިންނަށް ވަގުތުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމައްސައިދޭނެކަމަށް އެކުންފުނިން  ބުނެއެވެ. އެލައިޑުން ބުނީ ހއ، ހދ، ތ، ރ. އަދި ފ. އަތޮޅުގެ ގިނަ ރަށްތަކަށް އެލައިޑުން ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ދަތުރުކުރަން ވަނީ ހަމަޖެހިފައެވެ.