20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ބަލިކޮށް އުޒްބެކިސްތާނުން ފެށުން ރަނގަޅުކޮށްފިއެވެ.
ސައުދީ އަރަބިއްޔާގައި ހޮނިހިރު ދުވަހު ކުޅުނު މި މެޗު އުޒްބެކިސްތާނުން ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ 23 މިނެޓުގެ ތެރޭގައި އުޒްބެކިސްތާނުން ވަނީ ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހައިފައެވެ. އަދި ފުރަތަމަ ހާފު އުޒްބެކިސްތާނުން ނިންމާލީ ހަ ލަނޑުގެ ލީޑަކާއެކުގައެވެ.
މި މެޗުގެ 10 ވަނަ މިނެޓުގައި އުޒްބެކިސްތާޏަށް ލީޑު ނަގައިދިނީ މުޒައްމަދަލީ އުސްމަނޯފްއެވެ. އަދި އޭގެ ދެ މިނެޓު ފަހުން އުޒްބެކިސްތާނުގެ ކެޕްޓަން ޝަހުޒޮދްބެކް ވަނީ ލީޑު ފުޅާކޮށްދީފައެވެ.
ރާއްޖޭގެ ހާފުގެ ތެރެއިން ފުލުފުލުގައި އުޒްބެކިސްތާނުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި އުޒްބެކިސްތާނުގެ ތިންވަނަ ލަނޑު ރިއާން އިސްލާމޯފް ޖެހިއިރު، މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު އުސްމަނޯފް ވަނީ ޖަހައިފައެވެ. އަދި އޭގެ މިނެޓެއް ފަހުން އަސަދުބެކް ޖޮރަބޮއޭފް ވަނީ އުޒްބެކިސްތާނުގެ ފަސްވަނަ ލަނޑު ޖަހައިފައެވެ.
މި ލަނޑާއެކު ރާއްޖޭގެ ކުޅުންތެރިން ވަނީ ޓީމުގެ ޑިފެންސް ރަނގަޅުކޮށްފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އުޒްބެކިސްތާނުންވަނީ ހަވަނަ ލަނޑު ޖަހައިފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އުޒްބެކިސްތާނަށް މި ލަނޑު ޖަހައިދިނީ ކެޕްޓަން ޝަހުޒޮދްބެކްއެވެ.
ދެވަނަ ހާފުގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އުޒްބެކިސްތާނުގެ ހަމާލާތައް އުފެއްދުމުގައި ރާއްޖޭގެ ޑިފެންޑަރުން ވަނީ މި ހާފުގައި މޮޅަށް ކުޅެފައެވެ. އެކަމަކު މެޗުގެ 57 ވަނަ މިނެޓުގައި އުޒްބެކިސްތާނުން ވަނީ ހަތްވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އުސްމަނޯފްއެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އުޒްބެކިސްތާން އާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި ޗައިނާ އަދި މިޔަންމާއެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހޯމަ ދުވަހުގެރޭ ކުޅޭނީ ސައުދީއާ ދެކޮޅަށެވެ.