ކުޅިވަރު

އިންޑިއާ އަތުން ބޮޑު ތަފާތަކުން ބަލިވެ ރާއްޖެ ކަޓައިފި


އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް 2022 ގައި ސަރަހައްދުގެ ގަދަބާރު އިންޑިއާ އަތުން ބޮޑު ތަފާތަކުން ބަލިވެ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު މުބާރާތުން ކަޓައިފިއެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ އިންޑިއާ އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިންޑިއާއިން މުޅި މެޗު ކޮންޓްރޯލުކޮށްގެން ކުޅުނުއިރު، މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ 24 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޖޫ ތަމަންގެވެ. އަދި މެޗުގެ 42 ވަނަ މިނެޓުގައި ޕްރިޔަންކާ ނައޮރެމް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި އިންޑިއާގެ ފުރަތަމަ ލަނޑު ޖެހި އަންޖޫ ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެއާއެކު ފުރަތަމަ ހާފު ނިމުނީ އިންޑިއާ ތިން ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިންޑިއާއިން ވަނީ ހަ ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮމްޔޯ ގުގްލޯތާއި ޑަގްމޭ ގްރޭސްއެވެ.

މި ނަތޫޖާއާއެކު ރާއްޖެ މި މުބާރާތާއި އަލްވަދާއު ކިޔާފައިވަނީ ބާކީ އެެއް މެޗު އޮއްވައެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ޕާކިސްތާނާއެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ޕާކިސްތާން، ބޫޓާން، ބަންގްލަދޭޝް އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލެވެ.