ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން މާލޭ ވެޓެރަންސް އާއި އައިޒީ މޮޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން މާލޭ ވެޓެރަންސް މޮޅުވީ ވިޔަންސާ އަތުން ތިން ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން މާލޭ ވެޓެރަންސް ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު ވިޔާންސާ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 114 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 38 ލަނޑު ހެދި މުޙައްމަދު ބާބުލްއެވެ. މި އިނިންގްސްގައި މާލޭ ވެޓެރަންސްގެ ޕަންދުކާ 4 ވިކެޓް ނެގިއިރު، އެ ޓީމުގެ ޗަންދަނާ އާއި ތަރިންދު ވަނީ ކޮންމެ އުކުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.
ޖަވާބުގައި މާލޭ ވެޓްރަންސް ކުޅެން އަރައި 18.2 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 117 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 40 ބޯޅައިން 40 ލަނޑު ހެދި ޓީމުގެ ކެޕްޓަން ޖަނަކަ މަލިންދާއެވެ. މި އިނިންގްސްގައި ވިޔަންސާގެ މަހުދީ ހަސަން އާއި މުޙައްމަދު ބާބުލް ހުސެން ވަނީ ކޮންމެ އުކުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ހޮނިހުރު ދުވަހުގެ މެންދުރުފަހު ކުޅުނު މެޗު އައިޒީން ކާމިޔާބުކުރީ ކޮމެޓްސް އަތުން އަށް ވިކެޓުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ކޮމެޓްސް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 122 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 30 ލަނޑު ހެދި މުޙައްމަދު ރަޔާން އާއި 25 ބޯޅައިން 23 ލަނޑު ހެދި މުޙައްމަދު ޝައުފެވެ. މި އިނިންގްސްގައި އައިޒީގެ އަބީރު ހަބީބް ވަނީ ތިން ވިކެޓް ނަގާފައެވެ.
ޖަވާބުގައި އައިޒީ ކުޅެން އަރައި 15 ވަނަ އޯވަރުގައި ދެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 125 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 47 ބޯޅައިން 63 ލަނޑު ހެދި މުޙައްމަދު އަފުލާހު އާއި 34 ބޯޅައިން 42 ލަނޑު އެއްކުރި އިޝާނެވެ.
މި މުބާރާތުގައި ދެން މެޗެއް ކުޅެވިގެންދާނީ އަންނަ ހުކުރު ދުވަހެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.