ކުޅިވަރު

އޭޝިއާ ކަޕް: ފައިނަލުގެ ކުރިން ލަންކާއިން ޕާކިސްތާން ބަލިކޮށްފި


އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން ބާއްވާ އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ސްރީ ލަންކާއިން ޕާކިސްތާން ބަލިކޮށްފިއެވެ.

ގްރޫޕް މަރުހަލާގައި ކުޅުނު މި މެޗު ފަސް ވިކެޓުން ލަންކާއިން ކާމިޔާބުކުރިއިރު، މި ފަހަރުގެ މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރާނީ މި ދެ ޓީމެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމުގައި ހުކުރު ދުވަހު ކުޅުނު މި މެޗުގެ ގުރު ދިމާވެގެން ލަންކާއިން އެންމެ ފުރަތަމަ ބޭނުންވީ ހޮވުމަށެވެ. އެއާއެކު ޕާކިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި 19 ވަނަ އޯވަރުގައި އެއް ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 121 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 29 ބޯޅައިން 30 ލަނޑު ހެދި ކެޕްޓަން ބާބާ އަޒާމެވެ. އަދި އެ ޓީމުގެ މުޙައްމަދު ނަވާޒް ވަނީ 26 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ލަންކާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރުގައި 21 ލަނޑަށް ތިން ވިކެޓް ނަގައިދިން ވަނިންދު ހަސަރަންގާއެވެ.

ޖަވާބުގައި ލަންކާ ކުޅެން އަރައި 17 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް ވަނީ 124 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. މި އިނިންގްސްގައި ލަންކާ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 55 ލަނޑު ހަދައިދިން ޕަތުމް ނިސާންކައެވެ. އަދި އެ ޓީމުގެ ބަނޫކާ ރާޖަޕަކްސަ ވަނީ 24 ލަނޑު ހަދާފައެވެ.

މި މެޗުން ލަންކާ މޮޅުވިއިރު، ޕާކިސްތާނާ ދެކޮޅަށް އެ ޓީމުން ކުޅުމަށް ހަމަޖެހިފައިވާ އޭޝިއާ ކަޕުގެ ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހެވެ.