ޚަބަރު

މާލޭ ހުޅަނގުފަރާތު އާޓިފިޝަލް ބީޗް މިރޭ ހުޅުވަނީ


މާލޭ ހުޅަނގު ފަރާތުގައި ތަރައްޤީ ކުރައްވަމުންދާ އާޓިފިޝަލް ބީޗް، މިރޭ ރަސްމީކޮށް ހުޅުވާނެއެވެ. ބީޗް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ބީޗް ހުޅުއްވުމަށް ބާއްވަވާ ކުލަގަދަ ރަސްމިއްޔާތު އޮންނާނީ މިރޭ 20:15 ގައެވެ. އާޓިފިޝަލް ބީޗްގައި ހަދަމުންދާ ޕެވިލިއަންގެ މަސައްކަތް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް މިހާރު ނިންމާލެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ޕެވިލިއަންގެ މަސައްކަތް ކުރައްވަމުންދާ އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވީ، އެ މަސައްކަތް ނިންމާލެވޭނީ 5 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.  އައު އާޓިފިޝަލް ބީޗްގެ މަސައްކަތަކީ ސަރުކާރުގެ ބެޖެޓުން 42 މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. ބީޗް ހުޅުވިގެންދާއިރު، މޫދަށް އެރި އުޅޭނެ ސަރަޙައްދަކާއިއެކު، ބާބަކިއު ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އަދި މަސްބާނަން ޚާއްސަ ޖެޓީތަކެއްގެ އިތުރުން، ފެންވެރޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވެއެވެ.ބީޗް ހުޅުއްވުމަށް މިރޭ ބާއްވާ ކުލަ ގަދަ ރަސްމިއްޔާތު ޕީ.އެސް.އެމްގެ ޓީ.ވީ.އެމުންނާއި، ދިވެހި ރާއްޖޭގެ އަޑުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.