ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލުގެ ޖާގައެއް ނޯވޭގެ ކެސްޕާ ރުޑް ހޯދައިފިއެވެ.
އޭނާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ރަޝިއާގެ ކަރެން ޙަޗަނޯވްއާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ސެޓުތައް ރުޑް ކާމިޔާބުކޮށްފައިވަނީ ހަތެއް ހައެއް، ހައެއް ދޭއް، ފަހެއް ހަތެއް އަދި ހައެއް ދޭކުންނެވެ. މި އާއެކު މި ފަހަރުގެ މުބާރާތުގައި ފަސްވަނައަށް ސީޑް ކުރެވިފައިވާ ރުޑްއަށް މިވަނީ އަނެއްކާވެސް ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. މި އަހަރުގެ ފްރެންޗް އޯޕަންގެ ފައިނަލުން ރުޑް ޖާގަ ހޯދި ނަމަވެސް، އެ ފަހަރު އޭނާ ވަނީ ސްޕެއިންގެ ރަފައެލް ނަޑާލް އަތުން ބަލިވެފައެވެ.
މި ފަހަރުގެ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ފައިނަލުގެ ފަހު ޖާގަ ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ޕޯލަންޑުގެ އީގާ ސްވިއަޓެކް ވަނީ ހޯދާފައެވެ. އޭނާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އަރީނާ ސަބަލެންކާ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ޓިއުނީޝިއާގެ އޯންސް ޖެބުއާއެވެ.
މި މެޗް ހޮނިހިރު ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗަށް ސްވިއަޓެކް ނިކުންނަނީ އަހަރުގެ ދެވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމުގެ އުއްމީދާއެކުއެވެ. އަދި ޖެބުއާ ނުކުންނަނީ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށް, އެފްރިކާ ބައްރަށް ނިސްބަތްވާ އަންހެން ކުޅުންތެރިޔަކު ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރާ ފުރަތަމަ ކުޅުންތެރިޔާއަށްވެސްވުމުގެ އުއްމީދުގައެވެ.