ކުޅިވަރު

ޔޫރަޕުގެ އަންހެން ޕްލޭއޮފުގައި ވާދަކުރާ ޓީމުތައް ކަނޑައަޅައިފި


ފީފާ ވިމެންސް ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގައި ކުޅެމުން އަންނަ ކޮލިފައިންގެ ޕްލޭއޮފުގައި ވާދަކުރާ ޓީމުތައް ކަނޑައަޅައިފިއެވެ.

މި ފަހަރުގެ ޕްލޭއޮފްގައި ވާދަކުރަމަށް ހަމަޖެހިފައިވަނީ ގްރޫޕުތަކުން ދެވަނައަށް ދިޔަ ނުވަ ޓީމެވެ.

މި ފަހަރުގެ ޕްލޭއޮފް ރޭވިފައިވާ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ތިން ޓީމު ކަމަށްވާ އައިސްލަންޑާއި، ރިޕަބްލިކް އޮފް އަޔަލަންޑް އަދި ސްވިޓްޒަލަންޑް ވަނީ ޕްލޭއޮފްގެ ފައިނަލަށް އޮޓަމެޓިކުން ދަތުރުކޮށްފައެވެ. އަދި އަނެއް ހަ ޓީމްގެ މެދުގައި އެއް ލެގުގެ ޕްލޭއޮފް ސެމީ ފައިނަލް މެޗެއް ކުޅެވިގެންދާނެއެވެ.

އެގޮތުން ވޭލްސް އަމިއްލަ ދަނޑުގައި ބޮސްނިއާއާ ބައްދަލުކުރާއިރު، އެ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފް ފައިނަލްގައި ވާދަކުރާނީ ސްވިޓްޒަލަންޑާއެވެ. އަދި ސްކޮޓްލަންޑް އަމިއްލަ ދަނޑުގައި އޮސްޓްރިއާއާ ބައްދަލުކުރާއިރު، އެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ރިޕަބްލިކް އޮފް އަޔަލަންޑާއެވެ.

މީގެ އިތުރުން ތިންވަނަ ސެމީ ފައިނަލުގައި ޕޯޗުގަލާއި ބެލްޖިއަމް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނީ އައިސްލަންޑާއެވެ. އަދި ފައިނަލުގައި އެންމެ ރަނގަޅު ނަތީޖާއަކުން މޮޅުވާ ދެ ޓީމު ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ތިންވަނަ ޓީމު ދާނީ އިންޓަ ކޮންފެޑަރޭޝަން ޕްލޭއޮފަށެވެ. އެ ޕްލޭއޮފުގައި 10 ޓީމެއް، ވޯލްޑް ކަޕުގެ ތިން ޖާގައަށް ވާދަކުރާނެއެވެ. އެ ޕްލޭއޮފް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިއުޒީލަންޑުގައެވެ.