އަވަހާރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައަށް އިހުތިރާމު އަދާކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި މި ހަފުތާ ބަންދުގައި ކުޅުމަށް ހަމަޖެހިފައިވި ފުޓްބޯޅަ ހުރިހާ މެޗެއް ފަސްކުރަން ނިންމައިފިއެވެ.
އެގޮތުން އިންގްލަންޑާއި، ވޭލްސް އާއި، ނޯދަން އަޔަލަންޑް އަދި ސްކޮޓްލަންޑުގައި ކުޅުމަށް ހަމަޖެހިފައިވި މެޗުތައް ވަނީ ފަސްކޮށްފައެވެ.
މި ހަފުތާ ބަންދުގައި ކުރިން އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ 10 މެޗާއި ސްކޮޓިޝް ޕްރިމިއާޝިޕުގެ ހަ މެޗު ކުޅުމަށް ހަމަޖެހިފައެވެ. އަދި އިންގްލިޝް ފުޓްބޯލް ލީގުގެ މެޗުތައް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުޅޭގޮތަށް ކުރިން އޮތްއިރު, ވިމެންސް ސުޕަ ލީގުގެ ހަ މެޗެއްވެސް ކުރިން އޮތީ މި ހަފުތާ ބަންދުގައި ކުޅޭ ގޮތަށެވެ. މީގެއިތުރުން އިންގްލަންޑުގެ ނޭޝަނަލް ލީގާއި، އެފްއޭ ޓްރޮފީ އަދި ގްރާސްރޫޓް ފުޓްބޯޅައިގެ މެޗްތައްވެސް ވަނީ ފަސްކޮށްފައެވެ.
އިންގްލަންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކުރިގޮތުގައި މި މަހުގެ 9 އިން 11 އާ ދެމެދު ކުޅުމަށް ހަމަޖެހިފައިވި ހުރިހާ މެޗެއް ފަސް ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މި ހަފުތާ ބަންދުގައި ފަސްކުރި މެޗުތައް ވަރަށް އަވަހަށް ރީޝެޑިއުލްކޮށް ހާމަކުރާނެ ކަމަށް ޕްރިމިއާ ލީގާއި އީއެފްއެލްއިން ވަނީ ހާމަކޮށްފައެވެ. އަދި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކުރީ ފުލުހުންގެ ދައުރު އަދާކުރުމުގައި ދަތިތަކެއް ހުރެދާނެތީ ނޫން ކަމަށްވެސް އެ ލީގުން ވަނީ ހާމަކޮށްފައެވެ. އަދި ގާތްގާތުގައި މެޗު ކުޅުމުގެ މައްސަލަ ސީޒަނުގެ ދެވަނަ ހާފުގެ ތެރެއިން ހަމަޖެއްސޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ.
އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އުމުރުން 96 އަހަރު ފުޅުގައެވެ. އަދި އެކަމަނާވަނީ އިނގިރޭސި ތަހުތުގައި 70 އަހަރު ރަނިކަން ކުރައްވާފައެވެ. އިނގިރޭސިވިލާތުގައި އެކުލަވާލާފައިވާ ހިތާމަ ފާޅުކުރުމުގެ ގައުމީ އުސޫލުގައި އެއްވެސް އިވެންޓެއް ކެންސަލް ކުރުމަކީ މަޖުބޫރު މާއްދާއެއް ނޫނެވެ. އަދި އެއީ އެ ކުޅިވަރެއްގެ އަމިއްލަ ނިންމުމެއް ކަމަށް ވަނީ ހިމަނާފައެވެ.
އަދި އެކަމަނާގެ ޖަނާޒާ ބާއްވާ ދުވަހުވެސް އެއްވެސް އިވެންޓެއް ކެންސަލް ކުރަން އަންގާފައިނުވި ނަމަވެސް، ޖަނާޒާ ބާއްވާ ގަޑިއާއި ފުށުއަރާފާނެ ކަމަށްޓަކައި އެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓުތައް ފަސްކުރުމަކީ ކުރެވިދާނެކަމެއް ކަމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އެހެންކަމުން ޕްރިމިއާ ލީގުން ވަނީ އަންނަ ހަފުތާ ބަންދުގެ މެޗްތައްވެސް އިނގިރޭސި ރާނީގެ ޖަނާޒާ ބާއްވަވާ ގޮތަކަށް ބެލުމަށްފަހު ފަސްކުރުމާމެދު ފަހުން ގޮތެއް ނިންމާނެކަން ހާމާކޮށްފައެވެ.