ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން ސީބީއެލް އާއި މިލާން ކްރިކެޓް އެކެޑަމީ މޮޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ސީބީއެލް މޮޅުވީ މާލޭ ސްޕޯޓްސް ކުލަބު އަތުން 89 ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން މާލޭ ސްޕޯޓްސް ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު ސީބީއެލް އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 168 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ބޯޅައިން 39 ލަނޑު ހެދި ބެންޖަމިން ތޮމާސް އާއި 39 ބޯޅައިން 35 ލަނޑު ހަމަކުރި އަޙްމަދު އަމީލް މައުރޫފެވެ.
ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެން އަރައި 18 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 79 ލަނޑުއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 19 ލަނޑު ހެދި މުޙައްމަދު ޝިޔާމާއި، 16 ބޯޅައިން 17 ލަނޑު ހަމަކުރި މުޙައްމަދު ރިޝްވާނެވެ. މި އިނިންގްސްގައި ސީބީއެލްގެ އަޙްމަދު އަމީލާއި މުޙައްމަދު އަޒުހަރުއްދީން ވަނީ ތިން ވިކެޓް ނަގާފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހުގެ މެންދުރުފަހު ކުޅުނު މެޗު މިލާނުން ކާމިޔާބުކުރީ ނިއު ސްޓާ އަތުން 95 ލަނޑުންއެވެ.
މި މެޗުގެ ގުރުދިމާވުމުން ނިއު ސްޓާ ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު މިލާން އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 180 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 27 ބޯޅައިން 38 ލަނޑު ހެދި ޔޫސުފް އަޒިޔާން ފަރުހަތާއި 25 ބޯޅައިން 23 ލަނޑު އެއްކުރި އަޙްމަދު ހަސަނެވެ.
ޖަވާބުގައި ނިއު ސްޓާ ކުޅެން އަރައި 19 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 85 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 20 ލަނޑު ހެދި ކަސުން މަދުޝަންކައެވެ. މި އިނިންގްސްގައި މިލާނުގެ އިމްއާން ވަނީ ހަތަރު ވިކެޓް ނަގާފައެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހުވެސް ދެ މެޗު ކުޅޭއިރު، މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.