މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް 2022 ގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސްރީ ލަންކާ އަތުން ބަލިވެ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގައި ލަންކާއާ ދެކޮޅަށް ހުކުރު ދުވަހު ރާއްޖޭން ކުޅުނު ދެވަނަ މެޗުން ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުން 5-0 ގެ ނަތީޖާއަކުންނެވެ.
ކޮލޮމްބޯގެ ރޭސް ކޯސް ސްޓޭޑިއަމުގައި ހުކުރު ދުވަހު ކުޅުނު މެޗުގައި ލަންކާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ޖަހައިދިނީ މުޙައްމަދު މުފާސްއެވެ. މި މެޗުން ލަންކާ މޮޅުވި ނަމަވެސް، ރާއްޖޭން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ލަންކާއިންވެސް ވަނީ ރާއްޖެ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަ ގައުމެއް ވާދަކުރާއިރު، ރާއްޖެއާއެކު އެއް ގްރޫޕެއްގައި ހިމެނުނީ ލަންކާ އާއި ބަންގްލަދޭޝްއެވެ.
މި ނަތީޖާއާއެކު ރާއްޖެ ހިމެނޭ ގްރޫޕުން ސެމީ ފައިނަލަށް ދިޔައީ ބަންގްލަދޭޝް އާއި ލަންކާއެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުގެ ކޯޗިން ޓީމުގައި ހިމެނުނީ އިސްމާޢީލް އާސިފް (ކުޑަ ހީނާ) އާއި ގޯލްކީޕަރު އިމްރާން މުޙައްމަދު އަދި އާފިއު މުޙައްމަދު ހާމިދެވެ.
ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމަށް ކުޅުންތެރިން ހޮވާފައިވަނީ އެފްއޭއެމުން 16 އަހަރުން ދަށަށް ޚާއްސަކޮށް ބޭއްވި ޔޫތު ޗެމްޕިއަންޝިޕުގެ ތެރެއިންނެވެ. އެގޮތުން އެ މުބާރާތުގެ ތެރެއިން ފާހަގަވި ގިނަ ކުޅުންތެރިން ވަނީ ގައުމީ ސްކޮޑަށް ނަގާފައެވެ.