ދުނިޔެ

ކޮލަމްބިޔާގެ 3,000 އަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ޒިކާ


ކޮލަމްބިޔާގެ މާބަނޑު އަންހެނުންގެ ތެރެއިން 3,000 އަށްވުރެ ގިނަ އަންހެނުންނަށް ޒިކާ ވައިރަސް ޖެހިފައިވާކަން އެޤައުމުން ހާމަކޮށްފިއެވެ.ޒިކާވައިރަސް ޖެހުމުގެ ސަބަބުން ހުކުރު ދުވަހު އެޤައުމުގައި 3 މީހުން މަރުވެފައިވާކަމަށް ކޮލަމްބިޔާގެ މަސްއޫލުވެރިން ވިދާޅުވެއެވެ. ބްރެޒިލާއި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގައި އަލަށް އުފަންވާ ތުއްތުކުދިންގެ ބޮލާއި ސިކުނޑިއަށްޖެހޭ މައިކްރޯސެފަލީ ބައްޔަކީ ޒިކާ ވައިރަސްއާއި ގުޅުންހުރި ބައްޔެއް ކަމަށް ދުނިޔޭގެ ސިއްޙަތާބެހޭ ޖަމިއްޔާ - ޑަބްލިއު.އެޗް.އޯގެ ތަޖްރިބާކާރުން ލަފާކުރައްވައެވެ.މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ވައިރަސް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ޤައުމުތަކުން މަސައްކަތް ކުރަމުންދާއިރު، ބްރެޒިލް ފިޔަވައި ދުނިޔޭގައި 2 ވަނައަށް އެންމެ ގިނައިން ޒިކާ ވައިރަސް ފެތުރިފައިވަނީ ކޮލަމްބިޔާގައެވެ. މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައިނުވާ ޒިކާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1947 ވަނަ އަހަރު ޔުގަންޑާގެ ޖައްގަލީގެ ސަރަހައްދަކުންނެވެ.