ޚަބަރު

"ލާމަރުކަޒީ ނިޒާމު މާޒީއަށް ދޫކޮށްލެވޭކަށްނެތް، ހޭދަ ކޮށްގެންވެސް ލާމަރުކަޒީ ނިޒާމު ނަގަހައްޓާނެ"


ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި މާޒީގައި ކަންކަން ހިނގާދިޔަ ގޮތަށް މިނިޒާމު ތަންފީޒު ކުރުމަށް ދޫކޮށްލެވެން ނެތްކަމަށާއި، ކުރަންޖެހުނު ހޭދަތަކެއް ކޮށްގެން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ކައުންސިލްތަކާއި، ރައްޔިތުންގެ މަޝްވަރާގެ މަތީން ޤާނޫނަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތަކެއް ގެނެސް މަރުކަޒީ ބާރުވެރިކަން މިސަރުކާރުން ވަނީ ދޫކޮށްލާފައެވެ. މާލޭގައި ހިންގާ އޮފީސްތަކާއި އިދާރާތަކުން ކަންކަން ނިންމުމުން ނޫނީ އަތޮޅު ތެރޭގެ ރަށްރަށުގައި ކުރަންޖެހޭ ކަންކަން ނުކުރެވި ހުއްޓިފައި އޮތް އޮތުމަށް ވަނީ ނިމުން ގެނެސްފައެވެ.

ޤާނޫނުގެ ތެރެއިން ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނެވުނު ނަމަވެސް، ތަންފީޒީ މަރުހަލާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. ކައުންސިލްތަކާއި ގަވާއިދުން ސީދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވުމާއި، ކައުންސިލްތަކުގެ އަޑު އެހުމަށް ސަރަހައްދީ ފެންވަރެއްގައި ބޮޑެތި މަހާސިންތާތައް ގެންދަވަނީ ބާއްވަމުންނެވެ. ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި ވިޔަވަތި ރާއްޖެ ކޮންފަރެންސް ހޮނިހިރު ދުވަހު ހައްދުންމަތީ ގަމުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ބޭއްވޭ ބައްދަލުވުމަށް ކުރެވޭ ހޭދަތަކާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ވެގެން ދިޔަގޮތް މާޒީން ފެންނަން ހުންނާނެކަމަށެވެ. ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމުގެ ފުރުސަތެއް އަދި ކުރެވުނު މަސައްކަތްތަކެއް އަނބުރާ ކުރީގެ އޮތް ގޮތަށް އިޔާދަވުމުގެ ފުރުސަތެއް ސަރުކާރުން ނުދެއްވާނެކަމަށް މިއުވާން ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ދިވެހި ރާއްޖޭގައި ލާމަރުކަޒީ ނިޒާމާއި، އެ ނިޒާމުގެ އުސޫލުތައް ހިންގައި ކައުންސިލްތަކަށް ލިބިދޭންޖެހޭ ބާރު ލިބިދިނުމަށް ކުރަންޖެހޭ ޚަރަދުތައް ސަރުކާރުން ކުރާނެ. އެހެން ނަމަވެސް މިކަމުގައިވެސް ޚަރަދު ކުޑަކުރަންޖެހޭ ކަންކަމުގައި ޚަރަދު ކުޑަކޮށް، ކޮންމެ ގޮތެއް ވިޔަސް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެއަޅަންޖެހޭ ފިޔަވަޅު ތަކެއް އަޅާނެ. އެހެން ނަމަވެސް ޚަރަދު ކުޑަކުރަންޖެހޭތީވެ ލާމަރުކަޒީ ނިޒާމު އިތުރަށް ޚަރަދުދާ ކުރުމަށް ކުރަންޖެހޭ މަސައްކަތެއް ނުކޮށެއް ނުހުންނާނެ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޤާނޫނުގައި ހުރި ކަންކަން ތަންފީޒު ކުރުމުގައި ބޮޑެތި ކާމިޔާބީތައް ހާސިލް ކުރެވެމުންދާކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ އިހްތިޞާސްގައި ހިމެނޭ ސަރަހައްދު ތަކުގައި ބޭނުންކުރާ އުޅަދުތަކުން ފީނެގުމާއި، މާލީ ބާރުވެރިކަންވެސް ކުރެވޭ ގޮތަށް ބާރުތައް ދޫކޮށްލާފައިވާކަމަށެވެ. ކައުންސިލްތަކުން ފާހަގަ ކުރައްވާ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބޮޑެތި މަސައްކަތްތައް ކުރެވެމުންދާކަމަށްވެސް މިއުވާން ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެނެވި އިސްލާހު ކުރަންޖެހޭ ކަންކަންވެސް ކުރެވިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.