ޚަބަރު

ކިނޮޅަހު ބަނދަރަށް އިތުރުކުރާ ބައި ތަރައްޤީ ކުރަނީ އާނެރަކާއެކު


ނެރުމައްޗައް ވެލިއަރާ ނެރު ތިލަ ވުމުގެ ޝަކުވާ ކިނޮޅަހު އޮޑިވެރިން އަބަދުވެސް ކުރެއެވެ. 2008 ވަނަ އަހަރު ހެދި މިބަނދަރަށް ދިމާވި މިމައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން ގިނަބައެއްގެ ސަމާލުކަން މިކަމަށް ހުއްޓުނެވެ. އަދި އެމައްސަލަ ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްގެން މިހާރުވަނީ ހައްލުކޮށް ނިންމާފައެވެ. ނަމަވެސް މިއީ ވަގުތީ ހައްލެއްކަމަށާއި، ބަނދަރަށް އަލަށް އިތުރު ކުރާ ބަޔާއެކު އާ ނެރެއް ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ކިނޮޅަހުގައި މިހާރު އޮތް ބަނަދަރަށް ބައެއް އިތުރުކޮށް ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އަލަށް އިތުރު ކުރާ ބައި ނިމުމުން މިހާރު އެރަށަށް ވަދެ ނުކުތުމަށް ހަދާ ނެރުބަންދުކޮށް އާ ނެރެއް ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ބަނދަރަށް އިތުރު ކުރާ ބައިގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ފަޅު ފުން ކުރުމުގެ މަސައްކަތާއި ބޭރު ތޮށި ޖެހުމުގެ މަސައްކަތެވެ. ފަޅު ފުން ކުރުމުގެ މަސައްކަތް މިމަސްތެރޭ ނިމޭނެ ކަމަށް އުންމީދު ކުރާ ކަމަށް ކިނޮޅަހު ކައުންސިލްގެ ރައީސް އަޙްމަދު ހުސެއިން ވިދާޅުވިއެވެ. މަސައްކަތް ދާ ސްޕީޑާމެދު ހިތްހަމަޖެހޭކަން ފާހަގަ ކުރައްވަމުން އަޙްމަދު ހުސެއިން ވިދާޅުވީ ބަނދަރަށް އިތުރު ކުރާ ބައިގެ ވެލިގަނޑު ހިފެހެއްޓުމަށް ޖަހާ 5 ގްރޮއިންގެ ތެރެއިން 4 ގްރޮއިންގެ މަސައްކަތް ނިންމާފައިވާކަމަށެވެ. މިވެލިގަނޑު ހިމާޔަތް ކުރުމަށް 162 މީޓަރުގެ ގްރޮއިން ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތުގެ 84 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މީގެ އިތުރުން 285 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަމަށް ކައުންސިލްގެ ރައީސް އަޙްމަދު ޙުސެއިން ވިދާޅުވިއެވެ.

ރ.ކިނޮޅަހު ބަނދަރު ތެރެއަށް ވެލި ވަދެ ނެރު ބަންދުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިމައްސަލަ ދިމާވި ހިސާބުން ގިނަ ގޮންޖެހުންތަކެއް އެރަށު ފަޅަށްވަދެ ނުކުތުމަށް ކުރިމަތިވިއެވެ. ޒަރޫރީ ބޭނުންތަކަށް ރަށު ބަންދުވެފައި ހަފްތާއެއްހާދުވަހު އެރަށު ރައްޔިތުން ތިބެންޖެހުނެވެ. ރަށަށް މުދާ ގެނައުމާއި ރަށުގައި ދަނޑުވެރިކަމުން ހައްދާ ބާވަތްތައް ބޭރުނުކުރެވި ހަލާކުވެގެން ދިޔައެވެ.

ކިނޮޅަހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ބަނދަރު ފުންކުރުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި ރޭމްޕް ހެދުމާއި، 1663 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާ ނެރު ބައްތި ހަރު ކުރުމާއި ބަނދަރު ބައްތި ހަރުމުގެ މަސައްކަތް ހިމެނެއެވެ.

މިހާރު އެރަށުގައި އޮތީ 400 ފޫޓްގެ ބަނދަރެކެވެ. ބަނދަރަށް އިތުރު ކުރަނީ ބަނދަރުގެ ހުޅަނގުފަރާތުން 360 ފޫޓެވެ. މި މަސައްކަތް ނިމުމުން ފަޅުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން އުންމީދު ކުރެއެވެ.

ހަސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކިނޮޅަހު ބަނދަރަށް ވެލިވަދެ ތިލަވުމަކީވެސް އެރަށު ފަޅު ބޭނުންކުރާ ފަރާތްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މިމަސައްކަތާއެކު އެކަމަށް ހައްލު ލިބޭނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.