ޚަބަރު

260 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި


އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 260ކިލޯގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެއްޗެވެ.

މިއަދު ނައްތާލާފައިވަނީ މަސްތުވާތަކެތި ހުރި 10888 ރަބަރު ޕެކެޓާއި، 4285 ސެލޯފިންކޮޅާއި، 246 ފިލްމު ހުސްކުރިދަޅާއި، 130 ބުލެޓާއި، 40 ބިޑީގެ އިތުރުން 6359 ބޭސްގުޅައެވެ. އަދި މަސްތުވާތަކެތި ބަންދުކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ 4559 ތަކެތި އެހެނިހެން އައިޓަމްގެ ގޮތުގައި ނައްތާލާފައިވެއެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން މީޑިއާ އަދި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި މީހުންގެ ހާޒިރުގައެވެ.