ޚަބަރު

"މޮޅު ދަރިވަރަކަށް ވުމަށް ސަލާންޖެހުން، ނިމުމަކަށް ގެނައީ ހިލޭ ޑިގްރީ ޕްރޮގުރާމުން"


މަތީ ތައުލީމަކީ ކޮންމެ ދަރިވަރަކަށްވެސް އޮތް ފުރުސަތެއްކަން ކަށަވަރުކޮށް، މާޒީގައި ސަލާންޖަހައި ދަރާވިކިގެން ކުރަމުންދިޔަ ހޭދަތައް ނިމުމަކަށް ގެނެސް މަތީތައުލީމުގެ ފުރުސަތު ހިލޭ ލިބޭނެ މަގު ތަނަވަސް ކޮށްދިނީ މިސަރުކާރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ތައުލީމީ ޖީލެއް ބިނާކުރުމުގެ ވަޢުދާ އެއްގޮތަށް އެއްވެސް ތަފާތު ކުރުމެއްނެތި ކޮންމެ ރަށެއްގައި ހުރި ކޮންމެ އާއިލާއެއްގެ ކޮންމެ ދަރިވަރަކަށްވެސް އެފުރުސަތު ވަނީ ތަނަސް ކޮށްދެއްވާފައެވެ. ކޮންމެ ކުއްޖަކީވެސް ތައުލީމީ ގޮތުން މޮޅު ދަރިވަރަކަށް ހެދުމަށް މާޒީގައި ސަލާންޖަހައިގެންނާއި، ބޮޑެތި ލޯނު ނަގައިގެން ކިޔަވަންޖެހުނު ޖެހުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ސްކޫލު ދައުރު ނިންމުމަށްފަހު ތައުލީމީ ހަޔާތުގައި ކުރިއަށްދެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި މަތީ ތައުލީމު ހިލޭ ލިބޭނެ ގޮތެއް ހަމަޖެއްސުމަކީ ގިނަ އާއިލާތަކުން އެކަމަކަށް އެދިއެދި ތިބިކަމެކެވެ. ކޮންމެ ދަރިވަރަކީވެސް ހިލޭ ޑިގްރީއަށް ކިޔެވޭނެ މަގު ތަނަވަސް ވެފައިވާ ދަރިވަރަކަށް ހެދުމަށް ރައީސް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް އެފުރުސަތު ތަނަސްކުރެވި، އަތުން އެންމެ ރުފިޔާއެއްވެސް ޑިގްރީ ހާސިލް ކުރުމަށް ޚަރަދު ނުކޮށް، ހިލޭ ކިޔެވޭނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

މިވޭތުވެދިޔަ 4 އަހަރުގެތެރޭގައި 15،000 ދަރިވަރުންނަށް ފުރަތަމަ ޑިގްރީ ހިލޭ ކިޔަވައިދިނުމަށް ދައުލަތުގެ ބަޖެޓުން 454 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިިއީ މީގެ ކުރިން އެކި ޢާއިލާތަކުން ތަނަވަސްކަން ހުރި މީހުންގެ ކައިރިން ސަލާން ޖަހައިގެންނާއި، ބޮޑެތި ލޯނުތައް ނަގައިގެން ތައުލީމަށް ކުރަން ޖެހުނު ހޭދައެކެވެ.

ސަރުކާރުން ތައުލީމަށް ދެއްވާ ސަމާލުކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޖާހިދު ވިދާޅުވީ ރައީސް ޞާލިހުގެ އެންމެ ބޮޑު އެއްސިޔާސަތަކީ ތައުލީމީ ޖީލެއް ބިނާ ކުރުންކަމަށެވެ. އާބާދީގެ ކުޑަ ބޮޑުމިނަށް ނުބަލައި، ކޮންމެ ދަރިވަރަކީވެސް މަތީ ތައުލީމަށް ކިޔަވަން ފުރުސަތު އޮތް ދަރިވަރެއްކަން މިސަރުކާރުން ކަށަވަރު ކޮށްދީފައިވާކަމަށް މުޖާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަނދާން ކޮށްލަމާ މަތީ ތައުލީމް ހާސިލް ކުރުމަށްޓަކައި ކުރަންޖެހޭ ދަތުރު. އެކަކު ކައިރިން ލޯނު ހޯދައި އެކަކު ކައިރިން ލާރި ހޯދައި މިހެން މިކަހަލަ ގޮތަކަށް ނޫންތޯ އަޅުގަނޑުމެންނަށް އޭރުގެ އެފުރުސަތުތައް ވަކި އާއިލާތަކަށް ވަކިބަޔަކަށް އޮތް ކަންތައްތަކެއްގެ ގޮތުގައި އޮތީ. އެހެން ނަމަވެސް މިސަރުކާރުން ހިލޭ ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ފުރުސަތު މިހާރު އެވަނީ ހުޅުވާލެވިފަ." މުޖާހިދު ވިދާޅުވިއެވެ.

މީގެ ކުރީގައި ލޯންޗަކަށް އަރައިގެން ފެރީއަކަށް އަރައިގެން ތައުލީމް ހާސިލް ކުރަމުންދިޔަ އެތައް ދަރިވަރުންނަށް މިއަދު އެކުދިންގެ އުފަން ރަށުގައި އަމިއްލަ ގޭގައި ތިބެ އަމިއްލަ ރަށުގެ ސްކޫލަށް ގޮސްގެން ކިޔެވޭނެ އިންތިޒާމު މިސަރުކާރުން ހަދައި ދީފައިވާކަމަށް މުޖާހިދު ވިދާޅުވިއެވެ. މިހޭދައާއި މިޚަރަދަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރަމުންދާ ބޭނުންތެރި ހޭދަތަކެއްކަމަށް ވެގެންދާނެކަމަށްވެސް މުޖާހިދު ވިދާޅުވިއެވެ.

މަތީ ތައުލީމު ހާސިލް ކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ގިނަ ފަރުސަތުތަކެއް ހޯދުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއްކޮށް އޭގެ ނަތީޖާއާއި ހަމައަށްވެސް ގޮސްފައެވެ. އެގޮތުން އެކި ޤައުމުތަކުން ދެމުންދާ ސްކޯލަރޝިޕްގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދިނުމަކީވެސް ސަރުކާރުން މުހިއްމު ސިޔާސަތެކެވެ. އެގޮތުން ސްކޯލަރޝިޕްތަކަށް އެކަނި މިހާތަނަށް 480 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.