ޚަބަރު

ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ކޯހުގެ 195 ބައިވެރިން ހުވާކޮށްފި


ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ކޯހުގެ 195 ބައިވެރިން ސިފައިންގެ ހުވާކޮށްފިއެވެ.

ސިފައިންގެ 68 ވަނަ ސިފައިންގެ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މަޤާމުގެ ހުވާ ކުރި ސިފައިންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޅ. މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގެ ހެވިކަމުގެ މައިދާނުގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އަދި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިންނާއި މުޚާތަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ސިފައިންގެ ހުވައަކީ ވަރަށް މަތިވެރި ޤައުމީ ޚިދުމަތެއްގައި ދެމިތިބުމަށް ކުރެވޭ ހުވައެއްކަން ފާހަގަކުރައްވާފައެވެ. އަދި ސިފައިންގެ އެންމެ ފަހު ވިންދާ ޖެހެންދެންވެސް ޤައުމީ ޖިހާދުގެ މައިދާނުގައި ސާބިތުވެތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"ސިފައިންގެ މީހަކަށްވުމަކީ އޭގެ ޒާތުގައި އެމީހަކަށް ލިބޭ ވަރަށް ޝަރަފުވެރި ޤައުމީ މެޑެއްޔެއް. އެ ޝަރަފާއި ފަޚުރު ދެމިއޮންނާނީ ޤައުމުގެ ދިފާޢުއަށްޓަކާ އެމީހަކު ޤުރުބާންވާ މިންވަރެއްގެ މައްޗަށް. މިއަދު ތިޔަ ކުރެއްވި ހުވައާއި އެއްގޮތަށް ޤައުމުގެ މިނިވަންކަމާއި ސަލާމަތާއި އަމަންއަމާންކަމުގެ ދިފާޢުގައި ސާބިތުވެ ޢަމަލާއި ބަހުން އެކަން ސާބިތުކޮށްދެވިއްޖެނަމަ މުޅި ޤައުމު އެކަމުގެ އަގުވަޒަންކުރާނެ" ރައީސް ޞާލިޙު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރާ 195 ދަރިވަރުން ސިފައިންގެ ހުވާކޮށްފައިވެއެވެ. އަދި 194 ދަރިވަރަކާ ވަނީ ބަޑި ޙަވާލުކޮށްފައެވެ. އޭގެ ތެރޭގައި 177 ފިރިހެން ދަރިވަރުންނާއި 18 އަންހެން ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުން ވަނީ 18 ހަފްތާގެ ތަމްރީން ފުރިހަމަކޮށްފައެވެ. މިއީ މިހާ ގިނަ އަދަދެއްގެ ދަރިވަރުން އެއްފަހަރާ ސިފައިންގެ ހުވާ ކުރި ފުރަތަމަ ފަހަރުކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

ދަރިވަރުންނަށް އިސްވެ ހުވާލައިދެއްވީ ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ސުލައިމާން މުޙައްމަދެވެ. އަދި ސިފައިންގެ މީހުންނަށް ބަޑި ހަވާލުކުރާއިރު އަންގާ އެންގުން އިއްވަވައިދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. މި ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމެވެ. އެގޮތުން އަސްކަރީ އެކިއެކި ހުނަރުތަކާއި، ހަނގުރާމައިގެ އުކުޅުތަކާއި، ހަތިޔާރު ގެންގުޅުމުގެ އުކުޅުތައްފަދަ ކަންކަން ކޯހުގެ ބައިވެރިންނަށް ކިޔައިދެވޭނެއެވެ.

މި ތަމްރީން ކޯސް ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޑަޑީސްއާއި ދަ ބޭސިކް ސްކޫލް ގުޅިގެންނެވެ. މި ކޯހުގެ ތެރެއިން ހަތިޔާރު ގެންގުޅުމުގެ އުކުޅުތަކާއި، ހެވިކަމުގެ ހުނަރުތަކާއި، ހަނގުރާމައިގެ އުކުޅުތައް ފަދަ ކަންކަން ކިޔަވާދީފައިވެއެވެ.