ކުޅިވަރު

ޑިފެންސް މިނިސްޓަރ އެތްލީޓުންނާއި ބައްދަލުކުރައްވައިފި


ސައުތް އޭޝިއަން ގޭމްސްގައި ބައިވެރިވާ އެތްލީޓުންނާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ބައްދަލުކުރައްވައިފިއެވެ. ސާފް ގޭމްސްގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްފަހު ޑިފެންސް މިނިސްޓަރ އަންނަނީ ދިވެހި ކޮންޓިންޖެންޓްގެ އެތްލީޓުންނާއި ބައްދަލުކުރައްވަމުންނެވެ. މިނިސްޓަރވަނީ އިއްޔެ ކުރިއަށްދިޔަ ސްވިމިންގ އަދި ވޮލީގެ އިވެންޓްތައް ބައްލަވާލައްވާފައެވެ. އަދި އޭގެ ފަހުން ސްވިމިންގ ޓީމާއި، ވޮލީ ޓީމްއާއި، އެތްލެޓިކްސް ޓީމްގެ ކުޅުންތެރިންނާއިވެސް އިއްޔެ ބައްދަލުކުރެއްވިއެވެ. އެތްލީޓުންނާއި ބައްދަލުކުރުމަށްފަހު މިނިސްޓަރ އާދަމް ޝަރީފްވަނީ ދިވެހިި ސަރުކާރުގެ ފަރާތުންނާއި، ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޚާއްސަ މެސެޖެއް އެތްލީޓުންނާއި ހިއްސާކޮށްފައެވެ. އަދި ކުޅުންތެރިން މެޗުތަކުގައި ދައްކަމުންދާ ވާދަވެރިކުޅުމަށް ތަޢުރީފްކޮށް ޓީމްތަކަށް މިނިސްޓަރވަނީ ހިތްވަރު ދެއްވާފައެވެ.ޑިފެންސް މިނިސްޓަރުގެ އިތުރުން ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުލްމުޙުސިން ހަމީދާއި، ސްޕޯރޓްސް ކައުންސިލް މެމްބަރު އިހުސާން އަބުދުލްޣަނީވެސް ވަނީ މިނިސްޓަރާއިއެކު ޓީމްތަކާއި ބައްދަލުކުރައްވާފައެވެ.މި މަހުގެ ސޯޅަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ގޭމްސްގައި އަށް ކުޅިވަރަކުން ރާއްޖޭގެ ޓީމްތަކާއި އެތްލީޓުން ވާދަކުރާނެއެވެ.