ޚަބަރު

ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރެވޭނެ މުއްދަތު ކުރުކުރަން އިސްލާހެއް


ރާއްޖޭގައި ކޮލެޖުގެ ގޮތުގައި މެދު ކެނޑުމެއްނެތި ހިންގާތާ 15 އަހަރު ވެފައިވާ ތަޢުލީމުދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ޤާނޫނަށް އިސްހު ހުށަހަޅައިފިއެވެ.

ދިވެހި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނަށް އިސްލާހު ގެނައުމުގެ ބިލަށް މިއިސްލާހު ހުށަހަޅުއްވީ މިނިވަން މެމްބަރެއްގެ ގޮތުގައި ތުލުސްދޫ ދާއިރާ ތަމްސީލް ކުރައްވާ އިބްރާހިމް ނަސީމްއެވެ.

ޤާނޫނުގައި މިހާރު އޮތްގޮތުން ޔުނިވާސިޓީގެ ގޮތުގައި ރެޖިސްތްރީ ކުރެވޭނީ ކޮލެޖުގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރުވެފައިވާ ނުވަތަ ރާއްޖެއިން ބޭރުގައި ހިންގަމުން ދާތާ 10 އަހަރު ވެފައިވާ ޔުނިވާސިޓީތަކަށެވެ. ނަމަވެސް ނަސީމްގެ އިސްލާހުގައި ވަނީ މިއަދަދު 15 އަހަރަށް ލުއި ކުރުމަށް ހުށަހަޅާފައެވެ.

މިއިސްލާހުގައި ފަސް ދާއިރާއެއްގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ޕްރޮގުރާމުތައް އެކޮލެޖަކުން ނުވަތަ ބޭރުގެ ޔުނިވާސިޓީ އަކުން ހިންގަން ޖެހޭނެކަމަށް ވަނީ ބުނެފައެވެ. މިއިސްލާހުގައި ހިމަނާފައިވާ ދާއިރާތަކަކީ އާޓްސް އެންޑް ހިއުމިނިޓީ، އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗުރަލް ސައިންސް، އަދި ސޯޝަލް ސައިންސް އެވެ.

މި ޕްރޮގުރާމުތައް ހިންގާ ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހެއެވެ. ނުވަތަ ބައިނަލް އަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ހޭދަކޮށްފައިވާ ކޮލެޖަކަށް ވާންޖެހެއެވެ.

މީގެ އިތުރުން މިއިސްލާހުގައި ވަނީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި، ޖަމާއަތްތަކާއި އެކު ބައިނަލް އަގުވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖެކަށް ވާންޖެހޭކަމަށެވެ. އަދި އެކޮލެޖެއްގެ ޕްރޮގުރާމު ތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މަދުވެގެން %10 މުވައްޒިފުންނަކީ ޕީއެޗްޑީ ނުވަތަ ހަޔަ ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލް ކޮށްފައިވާ ބަޔަކަށް ވާންޖެހެއެވެ.