ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުރި ކޭމްޕުތަކުގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުގެ އުއްމީދީ ކުޅުންތެރިޔާ ރާއިފާ އިބްރާހީމް ބުނެފިއެވެ.
ދެކުނު އޭޝިއާގެ ހަ ގައުމެއް ވާދަކުރާ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަނީ މި މަހުގެ 24 އިން 30 ގެ ނިޔަލަށެވެ. ރާއްޖެއާއެކު މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ބަންގްލަދޭޝް، ނޭޕާލް، އިންޑިއާ، ސްރީ ލަންކާ އަދި ބޫޓާނެވެ. މި މުބާރާތް ކުރިއަށްދާނީ ރައުންޑް ރޮބިން އުސޫލުންނެވެ.
ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ މަސައްކަތް ފަށާފައެވެ. އެގޮތުން އިންޑިއާ އާއި ތައިލެންޑުގައި ޓީމު ކޭމްޕުކުރި އިރު، އެކުވެރިކަމުގެ މެޗުތަކެއްވެސް ވަނީ ކުޅެފައެވެ. މި ވަގުތު ޓީމު މާލޭގައި ހަރަކާތްތެރިވަމުން އަންނައިރު، މާލޭގައިވެސް ފަރިތަކުރުންތައް ދަނީ ކުރިއަށެވެ.
މި މުބާރާތުގެ ލޯގޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަމުން އުމުރުން 25 އަހަރުގެ ރާއިފާ ބުނީ މި މުބާރާތަށް ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، އަމާޒަކީ މޮޅު ކުޅުމެއް ދައްކައި ގައުމަށް ރީތި ނަމެއް ހޯދައިދިނުން ކަމަށެވެ.
މިއީ އަންހެން ބާސްކެޓްބޯޅަ ތާރީޚުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ރާއްޖޭގެ އަންހެން ޓީމުން ވަނީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޓީމަށް ލޯ މެޑެލް ހޯދައިދީފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ރާއްޖޭގައި ވަނީ ފިރިހެނުންގެ ސާބާ ޗެމްޕިއަންޝިޕް ބާއްވާފައެވެ.