ޚަބަރު

ބިދޭސީންނަށް މިނިމަމްވޭޖް ދިނުން، މުއްދަތެއް ނެތްގޮތަށް ފަސްކުރަނީ


ބިދޭސީންނަށް މިނިމަމްވޭޖް ދިނުން، މުއްދަތެއް ނެތްގޮތަށް ފަސްކުރަން ޤާނޫނަށް އިސްލާހް ހުށަހަޅައިފިއެވެ. މިއިސްލާހް ހުށަހެޅީ
ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ދިނުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެންމެ ކުޑައުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ތާރީޚުގައި އެކަން ތަންފީޒު ކުރުމަށް އިޤްތިޞާދީ ގޮންޖެހުންތަކެއް ހުރުމުންނެވެ.

ވަޒީފާއާއިބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އެވެ. ޖަމްޝީދު މި އިސްލާހު ހުށަހެޅުއްވީ ދުނިޔެެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާތީ އެކަމަށް ރިޢާޔަތްކޮށެވެ. މިއިސްލާހްގައި ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކުން އަމަލު ކުރަން ލާޒިމް ކޮށްފައިވާ ދެ އަހަރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވެއެވެ.

އެކަން ކުރުމުގެ މުއްދަތެއް ޤާނޫނުގައި ބަޔާން ކުރުމުގެ ބަދަލުގައި އެކަން ކުރަން ލާޒިމް ވާނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ޤައުމުގެ ފުދުން ތެރިކަމާއި އުފެއްދުންތެރިކަމަށް ރިޢާޔަތްކޮށް މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން ދޭ ލަފަޔާއި އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓަރު ކަނޑައަޅައި އާންމުކުރާ ތާރީޚެއްގައިކަމަށް ޖަމްޝީދުގެ އިސްލާހުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒިފަކަށް ދެވޭ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައި ޤާނޫނަށް އިސްލާހު ގެނައިރު، ބިދޭސީ މުވައްޒިފުންގެ ކުޑަ އުޖޫރަ ދޭނެ ތާރީޚެއްކަމަށް ކަނޑައަޅާފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ.

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 5،700 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެމައްޗަށް ދޭންޖެހޭނެ މިންވަރެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ފާސްކޮށްފައިވާ ގޮތުން މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7،000 ރުފިޔާ މުސާރައިގެ ގޮތުގައި ދޭންވާނެއެވެ.