ވިޔަފާރި

ބީއެމްއެލް މަސައްކަތްކުރަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް


ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ގޮތްތަކެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހީލީ ވިދާޅުވީ، ބޭންކުގެ އިންޓްރެސްޓް ރޭޓްތައް ދަށްކުރުމަށް ވިސްނާފައިވަނީ، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް އިންތިޒާމްކުރުމުގެ ގޮތުންކަމަށެވެ. މިދިޔަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސްއިން، އެ ބޭންކުގެ އިންޓްރެސްޓް ރޭޓްތައް ދަށްކުރުމުގެ ވިސްނުމެއް ގެންގުޅޭކަން ހާމަކޮށްފައިވެއެވެ. މިކަން ހާމަކޮށްފައިވަނީ ބީ.އެމް.އެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ އެންޑްރޫ ހީލީ ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ. ބޭންކުގެ އިންޓްރެސްޓް ރޭޓްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ހީލީ ވިދާޅުވީ، އިންޓްރެސްޓް ރޭޓްތައް ބޮޑުކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި، ބީ.އެމް.އެލްގެ އިންޓްރެސްޓް ރޭޓްތަކަކީ ރާއްޖޭގެ އެހެން ބޭންކުތަކާއި، އަދި މި ސަރަޙައްދުގެ އެހެން ޤައުމުތަކުގެ ބޭންކުތަކުގެ އިންޓްރެސްޓް ރޭޓްތަކާއި ދާދި އެއް ހަމައެއްގައި ހިފަހައްޓާފައިވާ ރޭޓްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ބީ.އެމް.އެލްގެ އިންޓްރެސްޓް ރޭޓްތަކަކީ އެހެން ބޭންކުތަކުގެ ރޭޓްތަކާއި ވާދަކުރެވޭ ފެންވަރެއްގެ ރޭޓްތަކެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. "ބީ.އެމް.އެލްގެ އިންޓްރެސްޓް ރޭޓްތަކަކީ ވަރަށް ވާދަވެރި ރޭޓްތަކެއްކަމަށް އަޅުގަނޑު ޤަބޫލްކުރަނީ... މިއީ، ބޭންކުގެ ސައިޒާއި، ފޯރުކޮށްދޭ ޚިދުމަތްތަކާއި، އަދި މުވައްޒަފުންގެ އަދަދަށްވެސް ބަލާއިރު، އެހެން ބޭންކުތަކުގެ ރޭޓްތަކާއި ދާދި އެއް ހަމައެއްގައި ހުރި ރޭޓްތަކެއް... ބީ.އެމް.އެލްގައި 850 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރޭ... އެހެން ބޭންކުތަކުގައި ޢާއްމު ގޮތެއްގައި މަސައްކުރަނީ މަދު ޢަދަދެއްގެ މުވައްޒަފުން. އެހެންވީމަ، އެހެން ބޭންކުތަކާ އަޅާކިޔާއިރު، ބީ.އެމް.އެލްގެ ޚަރަދުތައްވެސް ބޮޑު... މި ޚަރަދުތަކުގެ މަޢުލޫމާތު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް އިނގިފައި ނުވާކަން ފާހަގަވޭ... " ހީލީ ވިދާޅުވިއެވެ.ބީ.އެމް.އެލްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ވީހާވެސް ގާތުން ލުއި ފަސޭހަ ގޮތްތަކެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ހީލީ ވިދާޅުވިއެވެ. މި ގޮތުން، އޭ.ޓީ.އެމްތަކާއި ބޭންކުގެ ބްރާންޗުތަކުގެ މެދުގައި ހިނގާ ފައިސާ ފޮނުވައި ލިބިގަތުމުގެ މުޢާމަލާތަށް ނަގާ ފީ ކަނޑާލުމަކީވެސް، ކަސްޓަމަރުންނަށް ލުއިކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަމަށް ހީލީ ވިދާޅުވިއެވެ. އަދި އެ ނިންމުމުގެ ސަބަބުން ބޭންކުގެ އާމްދަނީއިން އަހަރަކު 15 މިލިޔަން ރުފިޔާ އުނިވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ."ބޭންކަށް ކުރިމަތިވެދާނެ މާލީ ދަތިކަމަކުން އަރައިގަތުމަށް، އަދި އެފަދަ ކަމަކަށް ބޭންކު އަބަދުވެސް އޮންނަން ޖެހޭނީ ތައްޔާރީ ޙާލަތެއްގައި... އަދި، ބޭންކަށް ބޮޑެތި އިންވެސްޓްމެންޓްތައް ކުރެވޭނީ، ބޭންކުގެ އާމްދަނީ އިތުރުކޮށްގެން... މީގެ އިތުރުންވެސް، ބޭންކުގެ އާމްދަނީގެ ސާޅީސް އިންސައްތަ ހޭދަ ކުރަންޖެހެނީ ސަރުކާރަށް ޓެކުހާއި އެހެނިހެން ފީތައް ދެއްކުމާއި، ޙިއްސާދާރުންނަށް ފައިދާގެ އިންސައްތައެއް ބެހުމަށްކަންވެސް މިއީ ފާހަގަކޮށްލަން ޖެހޭ ކަމެއް... " ހީލީ ވިދާޅުވިއެވެ.ބީ.އެމް.އެލްގެ އިންޓްރެސްޓް ރޭޓްތައް ދަށްކުރުމުގެ ވިސްނުމާއި ބެހޭގޮތުން ހީލީ ވިދާޅުވީ، މިފަދަ ނިންމުމެއްގެ ސަބަބުން ބޭންކުގެ ކަސްޓަމަރުންގެ ގޮތުގައި ތިބި ޢާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް މާލީ ގޮތުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޤަބޫލްފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް، މިފަދަ ނިންމުމެއް ނިންމާނީ ބޭންކުގެ ބޯޑުންކަމަށާއި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މިކަން ބޭންކުގެ ބޯޑަށް ހުށައަޅުއްވާނެކަމަށް ހީލީ ވިދާޅުވިއެވެ. ބީ.އެމް.އެލްއިން މި ވަގުތު ދުއިސައްތަ ފަސްދޮޅަސް ހާހަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ. ބީ.އެމް.އެލްއަކީ ބޮޑު އިންވެސްޓްމަންޓަކާއިއެކު މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދޭ ދިވެހިރާއްޖޭގެ ޤައުމީ ބޭންކެވެ.