ކުޅިވަރު

ބަނގްލަދޭޝް ބަލިކޮށް، ފިރިހެންވޮލީ ޓީމް ސެމީގެ އުއްމީދު އާކޮށްފި


ބަނގްލަދޭޝް ބަލިކޮށް، ސައުތްއޭޝިއަންގޭމްސް ސެމީ ފައިނަލަށް ދިޔުމުގެ އުއްމީދު ދިވެހި ފިރިހެން ވޮލީ ޓީމް އާކޮށްފިއެވެ.ސައުތް އޭޝިއަން ގޭމްސްގައި މިއަދު ހަވީރު ދިވެހި ފިރިހެން ވޮލީ ޓީމް ބަނގްލަދޭޝް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިވެހި ޓީމް ގެންދިޔައީ 25-17، 25-20 އަދި 25-23 ނެވެ. މެޗަށްފަހު ދިވެހި ޤައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗް ފޮސީޓާ ސުންޓޮން ބުނީ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އޭނާ ފަޚުރުވެރިވާ ކުޅުމެއްކަމަށާއި، ކުޅުންތެރިންގެ ކުޅުމާއިމެދު ބުނާނެ އެއްޗެއް ނެތްކަމަށެވެ. ހުރިހާ ކުޅުންތެރިންވެސް އޭނާގެ ރޭވުމާއިއެއްގޮތަށް ކުޅުނުކަމަށާއި، މިއަދުގެ މެޗުގައި ޓީމްގެ ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށްކަމަށް އޭނާ ބުންޏެވެ. ފޮސީޓާ ބުނީ މިހާރު ޓީމްގެ އަމާޒަކީ އަފްޣާނިސްތާނާއި ދެކޮޅަށް މާދަމާ ކުޅޭ މެޗުގައި މިކުޅުން ތަކުރާރުކޮށް ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކުރުންކަމަށެވެ."އަހަރެންގެ ރޭވުމަށް ހުރިހާ ކުޅުންތެރިންވެސް ކުޅުނު، ފަރަށް ފަޚުރުވެރިވެފައި މިހިރީ ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން، އުއްމީދަކީ މި ކުޅުން ތަކުރާރުކޮށް އަފްޣާނިސްތާންވެސް ބަލިކުރުން" ފޮސީޓާ ބުންޏެވެ.12ވަނަ ސައުތް އޭޝިއަން ގޭމްސްގައި ދިވެހި ޓީމް އަފްޣާނިސްތާނާއި ދެކޮޅަށް ކުޅޭ މެޗުން ދިވެހި ޓީމް ބަލިވެއްޖެނަމަ މުބާރާތާއި އަލްވަދާއުކިޔަންޖެހޭނެއެވެ.