ޚަބަރު

އާރަށުގެ މުޢާމަލާތުގައި ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ދިން - ޒިޔަތު


ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމަށް، ވ.އާރަށް ކުއްޔަށްދިނީ ކުރީގެ ރައީސް ޔާމީން އަންގަވައިގެންކަމަށް މިމައްސަލާގައި މިއަދު ހެކިބަސް ދެއްވި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އާރަށުގެ މުޢާމަލާތް ހިނގައިދިޔަ ގޮތާއި، މިކަމާގުޅޭ ގިނަ ސުވާލުތަކެއް ޒިޔަތަށް ކުރިމަތިކޮށްފައެވެ. ހެކިބަސް ދެއްވަމުން ޒިޔަތު ވިދާޅުވީ އާރަށުގެ މުޢާމަލާތް ކުރިއަށް ގެންދިޔައީ ރައީސް ޔާމީން އަންގަވައިގެންކަމަށެވެ.

މިމުޢާމަލާތް ކުރިއަށް ގެންދިއުމަށް އޭނާއަށް އެންގެވީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަޙްމަދު އަދީބް މެދުވެރިކޮށްކަމަށް ޒިޔަތު ވިދާޅުވިއެވެ. ޔޫސުފް ނައީމްގެ ޖޫޓީ ޕްރައިވެޓް ލިމިޑެޓާއެކު އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހުކަމަށެވެ. ސޮއި ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ މީޓިން ރޫމްގައި އަދީބާއި، ޔޫސުފް ނަޢީމާއި، އިޓަލީގެ ވިޔަފާރިވެރިޔާގެ އިތުރުން ހެކިވެރިއެއްގެ ހާޒިރުގައެވެ.

އާރަށް ކުއްޔަށް ދިނުމަށް ފުރަތަމަ ކުރެވުނު މަޝްވަރާތަކުގައި ނިންމީ ފަސް މިލިޔަން ޑޮރަލަށް ދޭށެވެ. ނަމަވެސް އެއަގު ބޮޑުވުމުން ސީދާ ރައީސް ޔާމީން އަންގަވައިގެން އެއަގު ތިން މިލިޔަން ޑޮލަރަށް ކުޑަކުރިކަމަށެވެ. ނަމަވެސް އެއްބަސްވުން ސޮއިކޮށްފައިވަނީ އެއަށްވުރެވެސް ކުޑަކޮށް ދެ މިލިޔަން ޑޮލަރަށް ކަމަށެވެ.

އެއްބަސްވުމުގައި ސޮއި ކުރުން ރައީސް ޔާމީން ވަރަށް އުފާވާނެކަމަށާއި، އެމަނިކުފާނަށް އެއްމިލިޔަން ޑޮލަރު ދެއްވިކަމަށް ޔޫސުފް ނައީމް އޭނާގާތުގައި ދެންނެވިކަމަށް ޒިޔަތު ވަނީ މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުން ވިދާޅުވެފައެވެ.

ދައުލަތުގެ އިތުރުން ދިފާއުން ވަނީ ރަށްތައް ކުއްޔަށް ދޫކުރަމުންދިޔަ އުސޫލާއި، ރަށްތަކަށް ދޫކުރި އަގުތަކާގުޅޭގޮތުން ޒިޔަތާ ސުވާލު ކުރިމަތިކޮށްފައެވެ. އެސުވާލުތަކުގެ ޖަވާބުގައި ޒިޔަތު ވިދާޅުވީ ރަށްތައް ކުއްޔަށް ދޭނެ އުސޫލުތަކާއި ފޯމިއުލާތަކެއް ކަނޑައެޅިފައިވާނެކަމަށެވެ. މިއުސޫލުގެ ތެރެއިން އާރަށް ކުއްޔަށްދޭން ފުރަތަމަ ނިންމި ނަމަވެސް އަގަށް ބަދަލުގެނެސް ނުއަގުގައި ކުއްޔަށް ދިނީ ރައީސް ޔާމީން އަންގަވައިގެން ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.

ޒިޔަތު ވިދާޅުވީ މިހެކިބަހާ ގުޅިގެން އޭނާއަށް ދައުލަތުން މިހާރު ތަންފީޒު ކުރަމުންދާ ހުކުމަށް އެއްވެސް ލުޔެ ދީފައި ނުވާކަމަށެވެ. މިހާރުވެސް ގެންދަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ކޮށްފައިވާ ހުކުމް ތަންފީޒު ކުރަމުން ކަމަށެވެ.