ކުޅިވަރު

ޕާކިސްތާން ބަލިކޮށް އަންހެން ވޮލީ ޓީމް ސެމީއަށް


ޕާކިސްތާން ބަލިކޮށް، ސައުތް އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ދިވެހި އަންހެން ވޮލީ ޓީމް ޖާގަ ހޯދައިފިއެވެ. އިންޑިޔާގެ ގުވަހާޓީގައި މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ގޭމްސްގައި ޕާކިސްތާންގެ މައްޗަށް ދިވެހި އަންހެން ވޮލީ ޓީމް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިވެހި ޓީމް ގެންދިޔައީ 25-23، 25-12 އަދި 25-19 ނެވެ. މީ އަންހެން ވޮލީގެ ތާރީޚުގައި ދިވެހި ޤައުމީ އަންހެން ޓީމެއް ސީދާ ތިން ސެޓުން މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މީ ސާފް ގޭމްސްގެ ސެމީ ފައިނަލަށް ގައުމީ އަންހެން ވޮލީ ޓީމް ދަތުރުކުރި ފުރަތަމަ ފަހަރުވެސްމެއެވެ. މެޗަށްފަހު ޤައުމީ އަންހެން ވޮލީ ޓީމްގެ ކޯޗް އަޙުމަދު އަދީލް ބުނީ މީ ދިވެހި އަންހެން ވޮލީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށާއި، ތިން ސެޓުން މޮޅުވިޔަސް ފެނިގެންދިޔައީ ވަރަށް ވާދަވެރި މެޗެއްކަމަށެވެ. ސާފް ގޭމްސްގައި ދިވެހި އަންހެން ވޮލީ ޓީމްގެ އަމާޒަކީ ސެމީ ފައިނަލް ކަމަށާއި އެކަން ހާސިލްކުރެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުންކަމަށް ކޯޗް އަދީލް ބުންޏެވެ. އަދީލް ބުނީ ފުރަތަމަ ޓާގެޓް ހާސިލްވެއްޖެ ކަމަށާއި، ސެމީ ފައިނަލްގައިވެސް ރަނގަޅު ވާދައެއްކޮށް އިތުރު ކާމިޔާބީތަައް ހޯދަން މިއަދުގެ މޮޅުގެ ސަބަބުން ވަރަށް ބޮޑަށް ހިތްވަރު ލިބިއްޖެކަމަށެވެ."އަލްޙަމްދުލިއްލާހި، ވަރަށް ތާރީޚީ ކާމިޔާބެއް މީ، އަންހެން ވޮލީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ މީ، ހުރިހާ ކުޅުންތެރިންގެ މަސައްކަތުން މި ކާމިޔާބީ ލިބުނީ" އަދީލް ބުންޏެވެ.ދިވެހި އަންހެން ވޮލީ ޓީމްގެ ޒުވާން ސެޓަރ ފާތިމަތު ޖޫޒާން ޒަރީޒް ބުނީ މިފަދަ ތާރީޚީ މެޗަކުން މޮޅުވެވުމުން ވަރަށް ހިތްހަަމަ ޖެހިއްޖެ ކަމަށާއި، މީ ހުރިހާ ކުޅުންތެރިންގެ މަސައްކަތްކަމަށެވެ. އަދި އުއްމީދަކީ މިފަހަރުގެ މުބާރާތުން މެޑަލްއެއް ހޯދުންކަމަށް ޖޫޒާން ބުންޏެވެ."ހުރިހާ އެންމެންގެ މަސައްކަތުން ލިބުނު ކާމިޔާބެއް މީ، ވަރަށް އުފާވެއްޖެ، މިހާރު އުއްމީދަކީ ސެމީ ފައިނަލްގައި ރަނގަޅު ފައިޓެއް ދީ އެންމެ ދަށްވެގެން ލޯ މެޑަލް ހޯދުން" ޖޫޒާން ބުންޏެވެ.