ޚަބަރު

ޝަރީޢަތް ކުރިއަށް ގެންދަނީ ޤާނޫނުތަކާ އެއްގޮތަށް: ޤާޟީ ޝަކީލް


ޝަރީޢަތް ކުރިއަށް ގެންދަނީ، ޝަރީޢަތުން ބޭރުން ހިނގާ ކަންކަމަށް ބަލައިގެން ނޫންކަމަށާ، ޤާނޫނުތަކާ އެއްގޮތަށް ކަމުގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދަޢުވާކުރާ އާރަށުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް މިއަދަށް ތާވަލް ކުރި އަޑުއެހުން ފެށުމުގެ ކުރިން ދިފާޢީ ވަކީލުން ވަނީ މިމައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ޢަބްދުﷲ ޒިޔަތާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފް އެއްބަސްވުމަކާގުޅޭ ސުވާލުތަކެއް އުފައްދަވާފައެވެ.

ދިފާއީ ވަކީލުން ވަނީ މިއަޑުއެހުން ފެށުމުގެ ކުރިން ނޫހެެއްގައި ލިޔެފައިވާ އާޓިކަލްއެއްގައި މިއެއްބަސްވުމާއި ގުޅޭގޮތުން ސުވާލު އުފެދޭ އެތައްކަމެއް ފާހަގަކޮށްފައިވާތީ އެކަންކަމަށް ރިއާޔަތްކޮށް އެއްބަސްވުން ދިފާއީ ވަކީލުންނާއި ހިއްސާ ކުރެއްވުމަށް އެދިފައެވެ. އަދި އެ އެއްބަސްވުން ލިބުމަށްފަހު ނޫނީ މި ހެކިވެރިންގެ ހެކިބަސް ނުނެގުމަށް ދިފާއީ ވަކީލުން ވަނީ އެދިފައެވެ.

ދިފާއުން ފާހަގަކުރި ނުކުތާތަކާއި ގުޅިގެން މިމައްސަލަ ބައްލަވާ އިސް ޤާޟީ ޝަކީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި މައްސަލަތައް ކުރިއަށް ގެންދަނީ ޤާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް ކަމަށެވެ. އެއްވެސް ހާލެއްގައި ނޫސް މަޖައްލާތަކުގައި ޝާއިޢުކުރާ ޚަބަރުތަކަށް ބަލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަކީ ޝަރީއަތުން އަމަލު ކުރާނެ ގޮތެއް ނޫންކަމަށެވެ. ޤާޟީ ވިދާޅުވީ މައްސަލަތަކުގައި އިއުތިޒާރު ހުށަހެޅުމާއި އިއުތިރާޒު ކުރުމާއި މިކަންތައްތަކެއް މަރުޙަލާތަކެއް ކަނޑައެޅިފައިވާކަމަށެވެ. މައްސަލަ ހުށަހެޅިގެ އެކި މަރުހަލާތައް ކުރިއަށް ދިޔައިރުވެސް ދިފާއީ ވަކީލުން ފާހަގަކުރި އެއްބަސްވުމެއް ހެދިފައިވާކަމަށް ދިފާއުން ގަބޫލު ކުރައްވާއިރު، އެއީ މިމައްސަލައާއި ގުޅިގެން ހެދިފައިވާ އެއްބަސްވުމަކަށް ނުވާނަމަ މިއެއްބަސްވުމާއިމެދު ގޮތެއް ކަނޑައެޅުމަކީ މި ޝަރީއަތުން ކަނޑައަޅަންޖެހޭ ކަމެނޫންކަމަށް އިސް ޤާޟީ ޝަކީލް ވިދާޅުވިއެވެ.

"ޝަރީއަތް ކުރިއަށް ގެންދަނީ ނިއުސް އާޓިކަލްތައް ބަލައިގެން އޭގެ އޮންނަ ގޮތަށް ފޮލޯ ކޮށްގެނެއްނޫން. ޖިނާއީ އިޖުރާތު ޤާނޫނު އެބައޮތް. ގަވާއިދު އެބައޮތް. ދެންވެސް އެއާއި ގުޅުންހުރި ޤާނޫނު އެބައޮތް. މިޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކުރިއަށް މިދަނީ. އެހެންކަމުން އާޓިކަލްއެއް އޮންނަ ގޮތަކުން ހިނގަމުންދާ ޝަރީއަތަކަށް އަސަރު ކުރާނެކަމެއް ޝަރީއަތުން ނުދެކެން." ޝަކީލް ވިދާޅުވިއެވެ.

ޤާޟީ ޝަކީލްވަނީ މިމައްސަލާގައި ޝަރީއަތް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެ، ދައުލަތުން ހުށަގެޅި ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށް ނިންމާފައެވެ. އަދި މެންދުރު ކުރީގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ވަނީ ނަގާފައެވެ.