ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އަންހެން ސިންގަލްސްގެ އެއްވަނައަށް ސީޑް ކުރެވިފައިވާ ޕޯލަންޑުގެ އީގާ ސްވިއަޓެކް ހޯދައިފިއެވެ.
އޭނާ މި މުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަ ހޯދީ ސީޑް ނުކުރެވޭ ކުޅުންތެރިއެއް ކަމަށްވާ ޖޫލް ނިއެމިއާއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ.
ނަމަވެސް މި މެޗް ވެގެންދިޔައީ ސްވިއަޓެކަށް އެހާ ފަސޭހަ މެޗަކަށް ނޫނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް ނިއެމިއާ ވަނީ ދޭއް ހަޔަކުން ކާމިޔާބުކޮށްފައެވެ. އެކަމަކު ސްވިއަޓެކް ވަނީ ޖެހިގެން އައި ދެ ސެޓު ހައެއް ހަތަރެއް އަދި ހައެއް އެކަކުން ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިއަޓެކް ބައްދަލުކުރާނީ އެމެރިކާގެ ޖެސިކާ ޕެގޫލާއާއެވެ. ޕެގޫލާ ކުއާޓާއިން ޖާގަ ހޯދީ 21 ވަނައަށް ސީޑް ކުރެވިފައިވާ ޗެކް ރިޕަބްލިކުގެ ޕެޓްރާ ކްވިޓޯވާ ބަލިކޮށްގެންނެވެ. މިއީ މި މުބާރާތުގެ ކުއާޓާ ފައިނަލުން ޕެގޫލާއަށް ޖާގަ ހޯދުނު ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން 22 ވަނައަށް ސީޑް ކުރެވިފައިވާ ޗެކް ރިޕަބްލިކުގެ ކެރޮލިނާ ޕްލިސްކޯވާވެސް ވަނީ ޖާގަހޯދާފައެވެ. މީގެއިތުރުން 12 ވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގޯފްވެސް ވަނީ ކުއާޓާ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދާފައެވެ.