ކުޅިވަރު

ވޯލްޑް ކަޕުން ޕޮގްބާ ފެނުމުގެ ފުރުސަތު ހަނިވެއްޖެ


ކަކުލަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަނާއެކު ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕުން ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ފެނުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ޕޮގްބާއަށް އަނިޔާވެފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން މިހާތަނަށް ޕޮގްބާ މެޗެއް ކުޅެފައެއް ނުވެއެވެ.

ޕޮގްބާ މިހާރު ކުޅެމުން އަންނަ އިޓާލިއަން ލީގުގެ ޔުވެންޓަސްގެ ކޯޗު މެކްސިމިލިއާނޯ އެލެގްރީ ބުނީ ޕޮގްބާ އެ ޓީމާއެކު ކުރި ދެވަނަ ފަރިތަކުރުމުގެ ތެރެއިން ކުޅުން ހުއްޓާލި ކަމަށާއި, އަދި އޭއާއެކު އޭނާގެ ކަކުލުގެ އޮޕަރޭޝަނެއް ކުރަން ނިންމީ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮގްބާގެ އޮޕަރޭޝަންގެ ކަންތައްތައް ދިޔައީ ވަރަށް ކާމިޔާބުކޮށެވެ. ނަމަވެސް އެލެގްރީ ބުނީ ޕޮގްބާއަށް ކުޅުމުގެ ތެރެއަށް އާދެވޭވަރުވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

ޕޮގްބާއަކީ 2018 ވަނަ އަހަރު ފްރާންސްއިން ވޯލްޑް ކަޕް ދެވަނަ ފަހަރަށް ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އަދި ފައިނަލް މެޗުގައި ކްރޮއޭޝިއާއާ ބައްދަލުކޮށް 4-1 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ޕޮގްބާ ވަނީ ލަނޑުވެސް ޖާހަފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ފްރާންސްއިން ކުޅޭ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބައްދަލުކުރާނީ އޮސްޓްރޭލިއާއާއެވެ.