ކުޅިވަރު

ހާލަންޑަށް އެކަނި ބަރޯސާވެގެން ފަރުޖައްސާ ނުލެވޭނެ: ގާޑިއޯލާ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ކަމިޔާބުކުރަން ބޭނުންވާނަމަ ނޯވޭގެ ތަރި އާލިން ބްރައުޓް ހާލަންޑަށް ހަމައެކަނި ބަރޯސާވެގެން ފަރުޖައްސާ ނުލެވޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ އައު ސީޒަނުގައި ސެވިއްޔާއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

ގާޑިއޯލާ ބުނީ ސިޓީން ހަމައެކަނި ހާލަންޑުގެ ކޮޑުގައި އެ ޒިންމާ އަޅުވައިފި ކަމުގައިވާނަމަ، ޗެމްޕިއަންސް ލީގު ކަމިޔާބު ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނީ މުޅި ޓީމު އެކުގައި ރަނގަޅަށް ކުޅެގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ގާޑިއޯލާ ބުނީ އެންމެންވެސް ހާލަންޑުގެ ވާހަކަ ދައްކާކަން އެނގޭ ކަމަށާއި، ނަމަވެސް އެ ޓީމުގައި ޓީމާ އަލަށް ގުޅުނު އިތުރު ކުޅުންތެރިންވެސް އެބަތިބި ކަމަށެވެ. އަދި އެ ކުޅުންތެރިންވެސް އަވަހަށް ޓީމަށް ހޭނުމުގެ މުހިންމުކަން ބޮޑު ކަމަށްވެސް ވަނީ ބުނެފައެވެ.

ގާޑިއޯލާ ބުނީ ހާލަންޑަކީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއް ކަމަށާއި، ނަމަވެސް އޭނާއަށް އެކަނި ސިޓީ މޮޅުކޮށް ނުދެވޭނެ ކަމަށެވެ. އަދި އެ ކަމަށްޓަކައި މުޅި ޓީމު އެކުގައި ކުޅުން މުހިންމު ކަމަށާއި، އެއާއެކު ހާލަންޑުގެ ދައުރު އެ ޓީމުގައި މުހިންމު ވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ހާލަންޑް ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު ހަ މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ.