ޚަބަރު

ފުވައްމުލަކު އެތެރޭގެ މަގުތަކުގައި ތާރުއަޅައި ޒަމާންވީ މައްސަލައަށް ހައްލު!


ފުވައްމުލައް ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ މީގެ އަހަރުތަކެއްކުރިންނެވެ. ވަށަމަގުގެ މަސައްކަތް އޭރު ފެށިނަމަވެސް އެ މަސައްކަތް އޮތީ، ކުރިއަށް ނުގޮސް ހުއްޓާލާފައެވެ.

މިމައްސަލަ ހައްލުކޮށް މިސަރުކާރުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ އަލުން މިމަސައްކަތް ހަވާލުކޮށްފައެވެ. އަލުން މިމަސައްކަތް ފެށީ 2019ވަނަ އަހަރުއެވެ. ރަށުގެ ވަށަމަގުގެ މަސައްކަތް ނިމި، މިއަދު ރަށުގެ ރައްޔިތުންނަށް އެމަގުގެ ލުއިފަސޭހަކަން އަންނަނީ ލިބެމުންނެވެ. ރަށުގެ ބަނދަރާއި އެއަރޕޯޓަށް އަދި މަޝްހޫރު ތުނޑިއަށް އާއިލާއާއެކު މިހާރު މީހުން ދަނީ، ދުއްވާލަން ފަސޭހަ ތާރު މަގުންނެވެ.

މި މަސައްކަތް ނިންމައި މިއަދުގެ ސަރުކާރުން ވަނީ ފުވައްމުލަކު އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް އެމްޓީސިސީއާ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކޮށްފައި ވަނީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ޏ.އަތޮޅު ނުވަތަ ފުވައްމުލަކު ސިޓީއަކީ 12000 މީހުންގެ އާބާދީއެއްއޮތް ސިޓީއެކެވެ. އުފެދިފައި އޮތްގޮތުން، ފުވައްމުލައް ރާއްޖޭގެ އެހެން ހުރިހާ ރަށަކާ ތަފާތެވެ. ބިމުގެގޮތުން 491 ހެކްޓަރުގެ ފުވައްމުލަކަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ މަގުތަކުގެ މައްސަލައެވެ.

ވަށަމަޣާއެކު ރަށަަށް ފުރިހަމަކަން އައިނަމަވެސް، ރަށުގެ ރައްޔިތުންގެ އެންމެބޮޑު އުންމީދަކީ ރަށުގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވުމެވެ. މިމަސައްކަތް މި ސަރުކާރުން ވަނީ ފަށައި އެ ހުވަފެނުގައިވެސް ކުލަ ޖައްސަން ފަށާފައެވެ.

މަގުތަކުގެ ދަތިކަން ފުވައްމުލަކުގެ ރައްޔިތުން ސިފަކުރަނީ އެތަށް ތަކުލީފެއް އެކުލެވޭ މައްސަލައެއްގެ ގޮތުގައެވެ. މަގުތަކުގެ ބޮޑެތި ވަޅުގަނޑުތަކާއި އަޑިގުޑަންކަމާއި ހިރަފުހާއި ވިއްސާރަވެ ފެންބޮޑުވުންފަދަ އެތައް މައްސަލައެއް ރައްޔިތުން ފާހަގަކުރެއެވެ. އަދި މަގުތައް ޗަކަވެފައި އޮންނައިރު، މަގު ބޭނުންކުރުމަކީ ބޮޑު ތަކުލީފެކެވެ. މިއީ ސިއްޙީ ގޮތުންވެސް ކުރިމަތިވާ މައްސަލައެކެވެ. އަދި އަގުބޮޑު އުޅަނދުތަކަށްވެސް އެތަށް ގެއްލުމެއް ލިބެމުންދާ މައްސަލައެއްކަން ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

މިއަދު ރަށުގެ ރައްޔިތުންގެ ޝުއޫރުތައް ހުރީ މި ތަކުލީފުތަކުން މިންޖުވެ ހިނިތުންވުމާއެކުގައެވެ. އެތަށް ޒަމާނެއްވީ މައްސަލަތަކެއްގެ ނިމުން އަންނަ މަންޒަރު ދަނީ ފުވައްމުލަކުން ފެންނަމުންނެވެ.

ފުވައްމުލައް ސިޓީގެ މޭޔަރ މޫސާ ރަފީޤް ވިދާޅުވީ މިހާތަނަށް އައިއިރު، ވިއްސާރަވެ ފެން ބޮޑުވާ ދުވައްތަކުގައި ގޭގެއަށް ފެންވަދެ ރައްޔިތުންގެ މުދަލަށް އެތަށް ގެއްލުމެއް ކުރިމަތިވާކަމަށެވެ. ރަށުގެ މަގުތައް ފުރިހަމައަށް ހެދުން ވެގެންދާނީ، ރަށުގެ އިޤްތިޞާދަށްވެސް އޭގެ އެދެވޭ އަސަރު ކުރާނެ ކަމަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި މަސައްކަތުގައި އާއްމު ހުރިހާ ޚިދުމަތްތައް ޤާއިމުވެ، މަގުތަކުގައި ތާރު އަޅާނެ. އަދި މުހިންމު ވިޔަފާރިތައް ހުރި މަގުތައްވެސް މީގެތެރޭގައި ހިމެނޭ." ރަފީޤް ވިދާޅުވިއެވެ.

ފުވައްމުލައް އެތެރޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، ރަށުގެ އެތެރޭގެ 35 މަގެއް އެމްޓީސީސީިން އަންނަނީ ތަރައްޤީކުރަމުންނެވެ. އެއީ 18.5 ކިލޯ މީޓަރުގެ މަގެވެ.

އެގޮތުން މަގުގެ ޕޭމަންޓާއި ފެން ހިންދާ ނިޒާމާއި އަދި ޖަންކްޝަންތަކުގެ މަސައްކަތް ނިންމައި ސެޕްޓެމްބަރު 1ވަނަ ދުވަހު ވަނީ ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެެ.

"އިތުރު މުވައްޒަފުން ހޯދައިފިން. ވަސީލަތްތައް އެބަހުރި. ބޭނުންވާ ސާމާނު ދަނީ ގެންނަމުން. އަހަރު ނިމުމުގެ ކުރިން ފުވައްމުލައް ސިޓީގެ މި މަގުތަކުގައި ތާރު އަޅާ ނިމޭނެ. އޭރުން މަގުތަކުގައި ލައިޓް ޖެހި، ޓެރެފިކް ކުރަހުންތައްވެސް ހުންނާނީ ނިމިފައި" އާޒިމް ވިދާޅުވީއެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން 39 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ރައްޔިތުންނަށް މި މަގުތަކުން ލިބެމުންދިޔަ ތަކުލީފަށް ޙައްލު ލިބޭއިރު، މި މަޝްރޫޢު ވާނީ ރަށުގެ މޫނުމަތިވެސް ބަދަލުކޮށްލާނެ މަސައްކަތަކަށެވެ. ރަށަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ މަސައްކަތަކަށެވެ.