ދުނިޔެ

އީރާނުން ވިލާތަށް އެކްސްޕޯޓްކުރާ ތެލުގެ މިންވަރު އިތުރުވެއްޖެ


އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިފަހުން އެޤައުމުން ވިލާތަށް އެކްސްޕޯޓްކުރާ ތެލުގެ މިންވަރު ފުރަތަމަ ފަހަރަށް އިތުރުވެއްޖެއެވެ.އީރާނުގެ ތެލާބެހޭ ވުޒާރާއިން ބުނީ އީރާނުން ވިލާތަށް އެކްސްޕޯޓްކުރާ ތެލުގެ މިންވަރު ދުވާލެއްގެ މައްޗަށް ތިން ސަތޭކަ ހާސް ފީފާއަށްވުރެ މިހާރު އިތުރުވެފައިވާ ކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ވިލާތަށް އެކްސްޕޯޓްކުރަނީ ގާތްގަނޑަކަށް ދުއިސައްތަ ހާސް ފީފާއަށްވުރެވެސް މަދުމިންވަރެއް ކަމަށެވެ. އީރާނުން ވިލާތަށް މިހާރު އެކްސްޕޯޓްކުރާ ތެލުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގަންނަނީ ފަރަންސޭސިވިލާތުގެ ޓޯޓާލް ކުންފުނިންނެވެ.އީރާނުގެ ރައީސް ޙަސަން ރޫޙާނީ ދާދިފަހުން އިޓަލީއަށް ކުރެއްވި ދަތުރުފުޅަށްފަހު އިޓަލީގެ އޭނީ ކުންފުނިންވެސް ވަނީ ދުވާލެއްގެ މައްޗަށް ސަތޭކަ ހާސް ފީފާގެ ތެޔޮ އީރާނުން ގަންނަން ޝައުގުވެރިވާކަން ހާމަކޮށްފައިވެއެވެ.