ޚަބަރު

ކެނެޑާގައި ވަޅިން ހަމަލާދީ 10 މީހުން މަރައިލައިފި


ކެނެޑާގެ މެދުތެރޭގައިވާ ޕުރޮވިންސެއް ކަމުގައިވާ ސަސްކެޗުވާންގައި ވަޅިޖަހައި 10 މީހަކު މަރައިލައިފިއެވެ. ސަސްކެޗުވާންގެ ފުލުހުން ބުނީ، މި އަމަލު ހިންގާފައި ވަނީ ދެ މީހަކު ކަމަށާއި، އެ ދެ މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ހަމަލާތަކުގައި ޒަޚަމުވި އިތުރު 15 މީހަކަށް ހޮސްޕިޓަލިގައި ފަރުވާދެމުންދާ ކަމުގައި ވެސް ފުލުހުން ބުނެއެވެ.

އަވަށްޓެރި އެމެރިކާއާ އަޅައިބަލާއިރު ކެނެޑާގައި ހިންގާ މި ފަދަ އަމަލުތައް މަދެވެ. މިއީ، ފަހުގެ ތާރީޚެއްގައި ކެނެޑާގައި ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހަމަލާތަކެވެ. މި ހަމަލާތައް ދީފައި ވަނީ 13 ސަރަޙައްދެއްގައެވެ. މި ހަމަލާތަކުގެ ޒިންމާވާ ދެ މީހުންނަކީ އުމުރުން 31 އަހަރުގެ ޑޭމިއަން ސޭންޑަރސަންއާއި 30 އަހަރުގެ މައިލްސް ސޭންޑަރސަން ކަމުގައި ސަސްކެޗުވާންގެ ފުލުހުން ބުނެއެވެ. އަދި، އެ ޕުރޮވިންސުގެ ވެރިރަށް ކަމުގައިވާ ރެޖީނާގައި އެ ދެ މީހުން ހަރަކާތްތެރިވަމުންދާ ކަމަށް އިންޒާރު ކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ފުލުހުން ވަނީ އެ ރަށުގެ ރައްޔިތުންނަށް އަންގާފައެވެ.

"ބައެއް މީހުންނަށް ހަމަލާ ދީފައި ވަނީ ރާވައިގެން ކަމަށް ބެލެވޭ. ނަމަވެސް، މި ހަމަލާތަކުގެ މޯޓިވް ދެނެގަނެވިފައެއް ނުވޭ،" ސަސްކެޗުވާންގެ ފުލުހުންގެ އިސްވެރިޔާ ރޮންޑާ ބްލެކްމޯ ވިދާޅުވިއެވެ. ހަމަލާތައް ދީފައި ވަނީ އެ ޕުރޮވިންސުގެ ރަށްފުށު ސަރަޙައްދެއްގައި ކަމަށް ވާތީ، އިތުރު މީހުން ޒަޚަމުވެފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް ފުލުހުން ޤަބޫލު ކުރެއެވެ.

މި ހަމަލާތަކާ ގުޅިގެން ސަސްކެޗުވާންގެ ޖޭމްސް ސްމިތް ކްރީ ނޭޝަން ކިޔާ ސަރަޙައްދުގައި ވަނީ ކުއްލި ހާލަތެއް އިޢުލާނު ކޮށްފައެވެ. އަދި، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ސެންޓަރުތައް ޤާއިމު ކޮށްފައެވެ. އަދި، ޞިއްޙީ ފަރުވާ ދިނުމަށް އިތުރު މުވައްޒަފުން ހޮސްޕިޓަލްތަކަށް ފޮނުވާފައެވެ.