ޚަބަރު

އާރަށު މައްސަލައިގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުން މާދަމާ


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ އާރަށުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ(ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް މާދަމާއަށް ތާވަލްކޮށްފިއެވެ.

އާރަށު މައްސަލާގައި އަދީބާއި، ޒިޔަތުގެ ހެކިބަސް ނެގުން ތާވަލް ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ޤާޒީ އަހުމަދު ޝަކީލް ޗުއްޓީގައި ހުންނެވުމުން ވަނީ އެދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައެވެ. މާދަމާ ކްރިމިނަލް ކޯޓުގައި ޝަރީއަތް ތާވަލް ކޮށްފައިވަނީ ހެދުނު 9:30 އަށެވެ.

ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

މިމައްސަލާގައި އަދީބާއި ޒިޔަތުގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށް ނިންމީ މިމައްސަލާގައި މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީންގެ ވަކީލާއި ޔޫސުފް ނައީމްގެ ވަކީލުން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް އެއްދުވަހެއްގައި ނަގާދިނުމަށް އެދުމުންނެވެ.

ވ.އާރަށު މައްސަލާގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުވާކުރާ މައްސަލާގައި ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ އަހްމަދު ނާޒިމާއި، ކުރީގެ ނައިބް ރައީސް އަދީބުގެ ޑްރައިވަރު މުހައްމަދު ހުސެއިންގެ ހެކިބަސްވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި ނަގާފައެވެ.

ވ.އާރަށު މައްސަލާގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވި ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިއަކީ ޔާމީންކަމަށާއި އެހިޔާނާތް ހިންގާކަން ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެކަން ފަށާފައިވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންތާ 6 މަސް ވިތަނާކަމަށާއި ދައުލަތުގެ ފައިސާއަށް ރައީސް ޔާމީން ހިޔާނާތްތެރިވީ 2018ގެ ރިޔާސީ އިންތިހާބު ކެމްޕެއިން ދުވަސްވަރު އެކި ވިޔަފާރިވެރިން އަތުން ނެގީ ލޯންތައް އަދާކުރުމަށްކަމަށެވެ. ދައުލަތުގެ މި ދައުވާއަށް ރައީސް ޔާމީނާއި ޔޫސުފް ނައީމްވެސް ވަނީ އިންކާރުކޮށްފައެވެ.