ޚަބަރު

4 އެއާޕޯޓެއްގައި ލަގެޖް ސްކްރީނިން މެޝިންތަކެއް ބަހައްޓައިފި


ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅުއްވާފައިވާ ސިޔާސަތާއި އެއްގޮތަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ 4 އެއަރ ޕޯޓެއްގައި ލަގެޖް ސްކްރީނިން މެޝިންތަކެއް ބަހައްޓައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ސީދާ ބެއްލެވުމުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ 4 އެއަރ ޕޯޓެއްގައި ބެހެއްޓި މެޝިންތަކަކީ އެންމެ ފަހުގެ ވަސީލަތްތަކާއިއެކު ގާއިމްކުރި މެޝިންތަކެކެވެ.

އަލަށް މެޝިންތައް ބަހައްޓާފައިވަނީ، ހދ.ކުޅުދުއްފުށީ އެއަރޕޯޓާއި، ށ.ފުނަދޫ އެއަރޕޯޓާއި،، ޏ.ފުވައްމުލައް އެއަރޕޯޓުގެ އިތުރުން ގދ. މާވަރުލު އެއަރޕޯޓުގައެވެ. އަލަށް ބެހެއްޓި މެޝިންތަކަކަކީ އާރ.އޭ.ސީ.އެލްއިން ބޭނުން ކުރަމުން އަންނަ ހުރިހާ އެއަރޕޯޓެއް ގައި ބޭނުންކުރާ ސްކްރީނިން މެޝިންތަކަކީ ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން އެކުލަވާލާފައިވާ "މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ސްކްރީނިންގ ޓެކްނޮލޮޖީ" ލިސްޓްގައި ހިމެނޭ އެކްސްރޭ މެޝިންތަކެވެ.

އާރ.އޭ.ސީ.އެލް އިން 4 އެއަރޕޯޓްގައި ބެހެއްޓި މެޝިންތަކަކީވެސް ރެޕިސްކޭން ބްރޭންޑްގެ މެޝިންތަކެކެވެ. އަދި އެބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަދި ސަރވިސް ޕްރޮވައިޑަރއަކީވެސް އާރ.އޭ.ސީ.އެލްއެވެ. އެއާއެކު ސްކްރީނިން މެޝިންތަކަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާއެވެ.

މި ސްކްރީނިން މެޝިންތަކުގެ މައްސަލަ ހައްލުވެގެން ދިއުމަކީ ކުންފުންޏާއި ރައްޔިތުންވެސް ގިނަދުވަސްތަކެއް ވަންދެން އުފުލަމުންއައި ތަކްލީފުތަކަށް ނިމުންއައިސް ދަތުރުފަތުރުކުރާ ފަރާތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.