ޚަބަރު

މިއަދަކީ މިއަހަރު އެންމެ ގިނައިން ވާރޭ ވެހުނު އެއް ދުވަސް


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދަކީ މިއަހަރު އެންމެ ގިނައިން ރާއްޖެއަށް ވާރޭ ވެހުނު އެއްދުވަސް ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށަށް ވަނީ އެހީތެރިކަންވެސް ފޯރުކޮށް ދީފައެވެ. މިއަހަރަކީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހުނު އެއްއަހަރެވެ. މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދަކީ މިއަހަރުގެ ތެެރޭގައި އެންމެ ގިނައިން ރާއްޖެއަށް ވާރޭ ވެހުނު އެއްދުވަހެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަދު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ.ކާޑެއްދޫއަށެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކާޑެއްދޫއަށް 124.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ކާޑެއްދޫގެ ފިނިހޫނުމިން މިއަދު މެންދުރުފަހު ހުރީ 23.9 ޑިގްރީއާއި 24.24 ޑިގްރީ ސެލްސިއަސްގައެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ވާރޭ ވެހުނު ދުވަހަކީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ރ.އަލިފުށްޓަށެވެ. އެދުވަހު އަލިފުށްޓަށް ވަނީ 157 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓުވެސް ނެރެފައެވެ. އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދު މިރޭ 9 ޖެހުމާއި ހަމައަށެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.