ޚަބަރު

ޝިއާއުގެ މަރުގެ ތަހުގީގް ނިންމައި ޝަރީއަތަށް ފޮނުވަނީ


މިދިޔަ މަހުގެ 7 ވަނަ ދުވަހުގެރޭ އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ތަހުގީގް ނިންމައި ޝަރީއަތަށް ފޮނުވަން ތައްޔާރުވަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލާފައި އޮތްވާ ފެނުނީ ހ. ޝީރީންވިލާގައި ހުރި އެޕާޓްމަންޓަކުންނެވެ. މިއީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގި އެންމެ ރަހުމުކުޑަ ގަތުލުކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ޝިއާއު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެެވެ. ފުލުހުން ވިދާޅުވީ ޝިއާއުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް މިމަހުގެ 17 ވަނަ ދުވަހު ލިބިފައިވާކަމަށެވެ. އަދި ފޮރެންސިކް ތަހުލީލުތައް ދަނީ ކުރެވެމުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެ. މުޅި މައްސަލައިގެ ތަހުގީގް ނިންމައި ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޝިއާއުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ މުރުން 23 އަލީ ޝާހިލްއެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި އަލީ ޝާހިލް ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ޢަމުރުކޮށްފައެވެ. ޝިއާއު މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ހަތިޔާރުތަކެއް ހޯދާފައިވާކަމަށް ފުލުހުން ވަނީ މިމަރާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވިދާޅުވެފައެވެ.

މިމައްސަލައިގެ ތުހުމަތުގައި ޝާހިލް ހައްޔަރުކުރިއިރުވެސް އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށާއި، އަދި މިމައްސަލައިގައި އޭނާ ނޫން އިތުރު މީހަކަށް ތުުހުމަތު ނުކުރެވޭކަމަށެވެ.