ޚަބަރު

ޓްރާންސްޕޯޓް ދާއިރާގެ ޤައުމީ ސަނަދު ހާސިލް ކުރާފަރާތްތަކަށް ލައިސަންސްދެނީ


ޓްރާންސްޕޯޓް ދާއިރާގެ ޤައުމީ ސަނަދު ހާސިލް ކުރާފަރާތްތަކަށް ލައިސަންސްދިނުމާގުޅޭ އެއްބަސްވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަނާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ.

މިއެއްބަސްވުމުގެ ދަށުން އިތުރު އިމްތިޙާނަކާ ނުލައި ޓްރާންސްޕޯޓް ދާއިރާގެ އެއްގަމާއި ކަނޑުގެ އުޅަނދުތައް ދުއްވުމުގެ ލައިސަންސް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ.)ގެ ނޭޝަނަލް ސެޓްފިކެޓް ހާސިލްކުރާ ފަރާތްތަކަށް، ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މި އެއްބަސްވުމުން ރަމްޒްކޮށްދެނީ މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެކި ވުޒާރާތަކުން ލިބެމުންދާ އެއްބާރުލުންކަމަށެވެ. މީހުން ބިނާކުރުމަށްކުރާ މަސައްކަތުގައި މޯލްޑިވސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ޕްލިޓެކްނިކް ހިއްސާވާ ގޮތަށް ސަރުކާރުގެ އެކިއެކި ވުޒާރާތައް ހިއްސާވެގެން މަސައްކަތް ކުރުމުގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ފަންނީ މީހުން ސެޓިފައިޑް ކޮށްގެން ވަޒީފާގެ މާހައުލަށް ނެރުންކަމަށެވެ.

"އެއްގަމާއި ކަނޑު އުޅަނދުފަހަރުތަކުގެ ކޯސްތަކުގެ ކޮމްޕެޓެންސީ ސްޓޭންޑަރޑްތައް އެކުލަވާލާ ޓެކްނިކަލް ޕެނަލުން މަސައްކަތް ކުރަނީވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ހިއްސާއާ އެކުގައި.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ ޑްރައިވިން ޓެސްޓު ހެދުމުގައި އެކަމަށް ބޭނުންވާ ވެހިކަލްތައް ހޯދުމުގައި ދަތިތައް ކުރިމަތިވާކަމަށާ، ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން މިފަދަ ކަންކަމަށް ފަސޭހަތަކެއްއް ލިބިގެންދާނެކަމަށެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގައި ދަތިކަމެއް އެބަހުރި. ނަަމަވެސް މި އެއްބަސްވުމުގައި ހުރިކަންކަން ކުރުމަށްޓަކައި މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ދޭނެ. އިތުރު އިމްތިހާނެއް ނެތި އެންގުމުން ލައިސަންސް އިޝޫކުރެވޭނެ." މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް ދާއިރާގެ ޤައުމީ ސަނަދު ހާސިލް ކުރާފަރާތްތަކަށް ލައިސަންސްދިނުމާ ގުޅޭ އެއްބަސްވުމާއެކު މިހާރު އެމް.އެން.އެސް.ޑީ.އޭ އިން އެކުލައިލާފައިވާ ޓްރާންސްޕޯޓް ދާއިރާގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް ހިންގާ ޕްރޮގްރާމްތައް ނިންމުމުން އިތުރު އިމްތިޙާނަކާ ނުލާ އެދާއިރާއަކުން ލައިސަންސް ލިބިގެން ދާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިހާރު އެމް.އެން.އެސް.ޑީ.އޭ. އިން އެކުލައިލާފައިވާ ޓްރާންސްޕޯޓް ދާއިރާގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކުގެ ތެރެއިން އިތުރު އިމްތިހާނަކާ ނުލައި ލައިސަންސް ލިބިގެންދާނީ ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ހެވީ ވެހިކަލް އޮޕަރޭޝަންސް، ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ބަސް އޮޕަރޭޝަންސް އަދި ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ބޯޓް އޮޕަރޭޝަންސްއެވެ.