ކުޅިވަރު

އަންހެނުންގެ ވޯލްޑް ކަޕުން އިންގްލަންޑް ޖާގައެއް ހޯދައިފި


އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވިމެންސް ވޯލްޑް ކަޕުން ވިމެންސް ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑް ޖާގައެއް ހޯދައިފިއެވެ.

މުބާރާތުން އިންގްލަންޑް ޖާގަ ހޯދީ ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގެ ގްރޫޕް ޑީގައި ރޭ އޮސްޓްރިއާ އާއި ބައްދަލުކުރި މެޗް ކާމިޔާބު ކޮށްގެންނެވެ. އޮސްޓްރިއާގައި ކުޅުނު މި މެޗް އިންގްލަންޑް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހައިދިނީ އެލޭސިއޯ ރޫސޯއެވެ. ދެވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހާ އެޓީމަށް ލީޑު ފުޅާކޮށްދިނީ ނިކީޓާ ޕެރިސްއެވެ. މިއީ ޔޫރޯ މުބާރާތް ކާމިޔާބު ކުރިފަހުން އިންގްލަންޑްގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަދި އެޓީމުން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު މިކުރީ ބާކީ އެއް މެޗު އޮއްވައެވެ.

ގްރޫޕް ޑީ ގައި އިންގްލަންޑް ވަނީ ކުޅުނު ނުވަ މެޗުވެސް ކާމިޔާބުކޮށް 27 ޕޮއިންޓް ހޯދާފައެވެ. އެންމެ ގާތުން ވާދަކުރާ އޮސްޓްރިއާއަށް ލިބިފައިވަނީ 9 މެޗުން 19 ޕޮއިންޓެވެ. އަދި މި ނުވަ މެޗްގައި އިންގްލަންޑުން 70 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް އެންމެ ލަނޑެއްވެސް ވަދެފައެއް ނުވެއެވެ.

މެޗަށްފަހު ވާހަަކަދައްކަމުން އިންގްލަންޑްގެ ކޯޗް ސަރީނާ ވެއިގްމަން ހާމަކުރިގޮތުގައި ވާރލްޑް ކަޕުން ޖާގަ ހޯދީތީ އޭނާގެ ޓީމާމެދު ފަހުރުވެރިވާ ކަމަށެވެ. ވެއިގްމަންގެ ކޯޗުކަމުގެ ދަށުން އިންގްލަންޑް ޓީމް އަދި ބަލިވެފައެއް ނުވެއެވެ. އެޓީމް ވަނީ 21 މެޗް ކުޅުނު އިރު 19 މެޗް ކާމިޔާބުކޮށްފައެވެ. އަންނަ އަހަރުގެ ވިމެންސް ވާރލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާ އާއި ނިއުޒީލަންޑްގައެވެ.