ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް އަންހެން ގައުމީ ޓީމު ނޭޕާލަށް


މި މަހު ނޭޕާލުގައި ފެށުމަށް ހަމަޖެހިފައިވާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމު ނޭޕާލަށް ހިނގައްޖެއެވެ.

މި މަހުގެ 6 އިން 19 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތައް ރާއްޖޭގެ އަންހެން ޓީމު ފުރާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރެވެ.

މި މުބާރާތަށް ފުރުމުގެ ކުރިން ގައުމީ ކޯޗު މަރްޔަމް މިރުފަތު ބުނީ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މުބާރާތައް ދާއިރު، ޓީމުގައި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ތިބުން އެއީ ލިބޭ ހިތްވަރެއް ކަމަށް މިރުފަތު ބުނިއެވެ. އަދި ރާއްޖޭން މިފަހަރު ޓާގެޓު ކުރަނީ ސެމީ ފައިނަލުގައި ކުޅެން ކަމަށް މިރުފަތު ބުންޏެވެ.

މި މުބާރާތުގައި މި މަހުގެ ހަވަނަ ދުވަހު ރާއްޖެއިން ނުކުންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ވަރުގަދަ އިންޑިއާ އާއި ދެކޮޅަށް ނުކުންނައިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއިން މި މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާއި ދެކޮޅަށެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ޕާކިސްތާން، ބޫޓާން، ބަންގްލަދޭޝް އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލެވެ.