ޚަބަރު

ފެތުނު "ލަންދޫ ބޯޓު" ފުންކޮށްފި


މާލެއިން ފުރައިގެން ނ.ލަންދޫއަށް ދަތުރުކުރަނިކޮށް ކ.ގާފަރު ފަރަށް އެރި "ލަންދޫ ބޯޓު" މިއަދު ފުންކޮށްފިއެވެ.

31 މީހުންނާއެކު މާލެއިން ފުރައިގެން ގިނަ ޢަދަދެއްގެ މުދާ ހިފައިގެން ލަންދޫއަށް ދަތުރުކުރި "ލަންދޫ ބޯޓު" ގާފަރު ފަރަށް އެރީ އޯގަސްޓް 31ގައެވެ. ބޯޓު ދިޔަވެ އަޑިޔަށް ދިއުމުގެ ކުރިން ބޯޓުގައި ތިބި އެންމެން ގާފަރާއި އެސސަރަހައްދުން ދަތުރުކުރި ދޯނީގެ އެހީގައި ވަނީ ސަލާމަތްކޮށްފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވިނަމަވެސް، މުދަލަށް ވަނީ ގެއްލުން ވެފައެވެ. ބޯޓުގައި ހުރި މުދަލުގެ އަގު އަށެއްކަ މިލިއަނަށް އަރާނެކަމަށް ބޯޓުގެ ވެރިފަރާތުން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ބުނީ، ނ. ލަންދޫއަށް ދަތުރު ކުރަމުންދަނިކޮށް ދިޔަވެ، ކ.ގާފަރު ފަރަށް އެރި "ލަންދޫ ބޯޓު" މިއަދު 12:22 ހާއިރު ފުންކޮށްފައިވާކަމަށެވެ. މި ބޯޓު ފުންކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑައިވަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ބޯޓު އަޑިއަށް ދިއުމާއި ގުޅިގެން ގިނަ ޢަދަދެއްގެ މުދާ އޮޔާ ދާތީ އެމްއެންޑީއެފް އިން ވަނީ އެސަރަހައްދުން ދަތުރުކުރާއިރު އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.