ކިރްގިސްތާނުގައި ކުރިއަށްދިޔަ އޭވީސީ މެންސް ވޮލީބޯލް ޗެލެންޖް ކަޕް 2022 ގެ ފައިނަލް މެޗުގައި ފަސްޓް ރެފުރީކަންކޮށް އަޙްމަދު ސަލީމް (ކުނޑި) ތާރީޚުން ޖާގަ ހޯދައިފިއެވެ.
ޖެހިލުން ކުޑަ ރެފުރީއެއްގެ ގޮތުގައި މަޝްހޫރު ކުނޑި ސަލީމަކީ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގެ ފައިނަލުގައި ރެފުރީކަންކުރި ދިވެހި ފުރަތަމަ ރެފުރީއެވެ.
ޕީއެސްއެމް ސްޕޯޓްސްއަށް ކުނޑި ސަލީމް ބުނީ މިއީ ރާއްޖޭގެ ވޮލީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. ހާއްސަކޮށް އަރަމުން އަންނަ ޒުވާން ރެފުރީންއަށް ބައިނަލްއަގްވާމީ މިފަދަ މުބާރާތްތަކުގައި ރެފުރީކަން ކުރުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ކުނޑި ސަލީމް ބުންޏެވެ.
ކުނޑި ސަލީމް އިތުރަށް ބުނީ މިއީ އޭނާގެ ރެފުރީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. އެހެންކަމުން މިއީ ކެރިޔަރުގައި އެންމެ އުފާވި ދުވަސްކަމަށް ސަލީމް ބުންޏެވެ.
މީގެ އިތުރުން ކުނޑި ސަލީމް ވަނީ މި ފުރުސަތު ހޯދައިދިން ކަމަށްޓަކައި ކާވާގެ ރައީސް މުޙައްމަދު ލަތީފަށް ޝުކުރުއަދާކޮށްފައެވެ. އަދި ރެފުރީންނަށް މިފަދަ ފުރުސަތުތައް ކާވާއިން ފަހިކޮށްދޭކަމަށާއި މިއީ ރެފުރީންގެ ކުރިއެރުމަށް ލިބިގެންދާ ފަހި ފުރުސަތެއްކަމަށް ކުނޑި ސަލީމް ބުންޏެވެ.
މި ފުރުސަތު ކުނޑި ސަލީމަށް ލިބުނީ އުޒްބެކިސްތާންގެ އެކޮމްޕްލިޝް ރެފުރީއެއްގެ ގޮތުގައެވެ.
ކުނޑި ސަލީމް އިންސާފުކުރި ފައިނަލް މެޗުގައި ކުޅެފައިވަނީ ކިރްގިސްތާން އާއި ސައުދި އަރަބިއްޔާއެވެ. މި މެޗު 3-2 ސެޓުން ކާމިޔާބު ކޮށްފައިވަނީ ކިރްގިސްތާނުންނެވެ.
ކުނޑި ސަލީމްގެ އިތުރުން ރާއްޖޭގެ އަޙްމަދު ނަޝީދުވެސް ވަނީ މި މުބާރާތުގައި ރެފުރީ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އެގޮތުން މި މުބާރާތުގެ ވީއައެސްއެއްގެ ގޮތުގައި ނަޝީދު ހަރަކާތްތެރިވިއިރު، އޭނާގެ ޒިންމާއަކީ މުބާރާތުގެ ސްޓެޓްސް ބެލެހެއްޓުމެވެ.
ކުނޑި އަޙްމަދު ސަލީމް ވޮލީބޯޅަ ރެފްރީކަން ފެށީ 1996 ވަނަ އަހަރު އަސާސީ ކޯހެއްގެ ގޮތުަގައި ވޮލީބޯޅަ ރެފްރީކަން ދަސްކޮށްގެންނެވެ. އެ ހިސާބުން ފެށިގެން އޭނާ ވޮލީބޯޅަ ރެފްރީކަން ނުކުރާ ލެވަލެއް ނެތެވެ. އޭނާ ވޮލީބޯޅައަށް މެދު ކެނޑުމެއްނެތި ޚިދުމަތް ކުރާތާ މިހާރު 25 އަހަރު ވަނީ ވެފައެވެ.
ރާއްޖޭގައި ބޭއްވި އެކި އިންވިޓޭޝަނަލް މުބާރާތްތަކާއި ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއްގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުނޑި އަހުމަދު ސަލީމް ވަނީ ރެފްރީކަން ކޮށްފައެވެ. އޭގެ ތެރޭގައި އޭޝިއަން ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގެ މުހިންމު މެޗުތައް ހިމެނެއެވެ.