ޚަބަރު

އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާ ދެއްވުމުގެ ބުރަ ދައުލަތަށް!


ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ޤާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން ރަށްތަކާއި، ސިޓީތަކުގައި ކަންކަން ނިންމުމުގައި އަންހެނުންނަށް ޖާގަ ފަހިކޮށް އެފުރުސަތު ލިބޭގޮތަށް އަންހެނުންގެ ކޮމެޓީތަކެއް އިންތިޚާބު ކުރުމަށް ވަނީ ކަނޑައަޅާފައެވެ. ޤާނޫނުގައި އަންހެނުންގެ ކޮމެޓީތަކުގެ ދައުރު ބަޔާން ކޮށްފައިވީނަމަވެސް ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައި އިތުރު އިސްލާހުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އިންތިޚާބުކުރަންޖެހޭ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިންތިޚާބުވުމަށްފަހު އިސްތިއުފާ ދެއްވުމުގެ މައްސަލައަކީ މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ސިޔާސީ ޕާޓީތަކާއި، މިނިވަން މެމްބަރުންގެ ގޮތުގައި ކުރިމަތިލައްވާ ކެނޑިޑޭޓުން އިންތިޚާބު ކުރުމަށް އެތައް މަސައްކަތަކާއި، ހޭދަތަކެއްކޮށްގެން އިންތިޚާބު ކުރެވޭ މެންބަރު އިސްތިއުފާ ދެއްވުމަކީ ޤާނޫނުގެ ތެރެއިން މިކަމަށް ހައްލު ހޯދަން ޖެހިފައިވާ ކަމެއްކަމަށް އިލެކްޝަން ކޮމިޝަނާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީންވެސް ދަނީ ވިދާޅުވަމުންނެވެ.

އިންތިޚާބާއި ބެހޭ ޤާނޫނުތައް ބުނާގޮތުން އަންހެނުންގެ ކޮމެޓީގެ މެމްބަރަކު އިސްތިއުފާ ދެއްވައިފިނަމަ، 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހެއެވެ. ޤާނޫނުގައި މިގޮތަށް ބަޔާންކޮށްފައި ވުމުން އިލެކްޝަން ކޮމިޝަނުން އިންތިޚާބުތަކަށް ހުޅުވާލައި ފުލުފުލުގައި ދަނީ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ބާއްވަމުންނެވެ. ކުރަންޖެހޭ ހޭދައާއި، ހޭދަކުރަންޖެހޭ ވަގުތުގެ ކަންބޮޑުވުމާއި އެކުގައިވެސް އިންތިޚާބުތައް ދިޔައީ ބާއްވަމުންނެވެ.

މިކަމަށް ހައްލު ގެނައުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރަކު އިސްތިއުފަ ދެއްވި ނަމަވެސް ބައި އިލެކްޝަންތައް ކޮންމެ އަހަރަކުވެސް އެއްފަހަރާ ވަކި ތާރީހެއްގައި ބޭއްވުމަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ. މިއިސްލާހަކީ އިލެކްޝަން ކޮމިޝަނާއި އެލެކްޖީއޭގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހެކެވެ.

ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ބާބު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޤާނޫނަށް އިސްލާހުތައް ހުށަހެޅި ނަމަވެސް މިކަމުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިންތިޚާބު ކުރާ މެމްބަރުން އެއްވެސް މަގުބޫލު އުޒުރެއްނެތި އިސްތިއުފާ ދެއްވުންކަމަށެވެ. އިންތިޚާބެއްގައި ވާދަކޮށް އެތައްބައެއްގެ ބުރަ މަސައްކަތުން އިންތިޚާބު ކުރާތާ މަދު ދުވަސްތަކެއްގެ ތެރޭގައި އިސްތިއުފާ ދިނުމަކީ އޭގެ ސަބަބުން މުޅި ދައުތައްވެސް އޭގެ ބުރަ އުފުލަންޖެހޭ ކަމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ރައްޔިތުން ވަކި މަޤުސަދެއްގައި، އަދި ދައުލަތަށްވެސް ނުހަނު ހަރަދު ބޮޑުވާނެހެން ވޯޓެއް ނަގައިގެން، ޕާޓީތަކުންވެސް ނިކުމެ އެތައް މަސައްކަތެއް ކޮށްގެން މަޤާމުތަކަށް ހޮވީމަ އެމުއްދަތު ހަމަނުވަނީސް އިސްތިއުފާދޭ މައްސަލަ މިއީ އަސްލުގައި މިއީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް. އެއްގޮތަކަށްވެސް އެމަސައްކަތެއް ނުކުރެވޭނެ ހާލަތެއް ދިމާނުވާހާ ހިނދަކު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޚާއްސަކޮށް ރައްޔިތުން އިންތިޚާބު ކުރާ ބޭފުޅުން ރައްޔިތުން އިންތިޚާބުކުރީމާ އިސްތިއުފާ ދެއްވުން އެއީ އެންމެ ރަނގަޅު ގޮތެއްނޫން." ރޮޒައިނާ ވިދާޅުވިއެވެ.

ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ހިންގަނީ، އިލެކްޝަންގެ އިރުޝާދުގެ ދަށުން އަންހެނުންގެ ކޮމެޓީއެއް ނިސްބަތްވާ އަތޮޅު ކައުންސިލަކުން ކަމަށެވެ. އިންތިޚާބުތައް ބާއްވާނީ އަންހެނުންގެ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭނަމަ ކޮންމެ އަހަރަކު އެއްފަހަރު ކަމަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

މިމާއްދާގެ އިތުރުންވެސް އަންހެނުންގެ ކޮމެޓީތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާށާއި، ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނޭ ގޮތަކަށްވެސް އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ކޮމެޓީތަކުން ނިންމާ ނިންމުންތައް ކައުންސިލްތަކުން ތަންފީޒު ކުރުމާއި، އަންހެނުންގެ ކޮމެޓީތަކާއި ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށްޓަކައި ބައެއް މާއްދާތައްވެސް ވަނީ ހުށަހަޅާފައެވެ.