ޚަބަރު

ދަރިވަރުންނަށް ވިސާ ދޭ އުޞޫލާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


މެލޭޝިއާއަށް ކިޔަވަންދާ ރާއްޖޭގެ ދަރިވަރުންނަށް ވިސާ ދިނުމަށް ކަނޑައެޅިފައިވާ އުޞޫލުތައް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން، ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މެލޭޝިއާގެ ބޮޑުވަޒީރާއިއެކު މަޝްވަރާ ކުރައްވައިފިއެވެ. މިމަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ރާއްޖެއިން މެލޭޝިއާއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ފަހްމީ ހަސަން، މެލޭޝިއާގެ ބޮޑުވަޒީރު ނަޖިބް ރައްޒާގާ އެކު ބޭއްވި ބައްދަލްވުމެއްގައެވެ. މިބައްދަލްވުން ކުރިޔަށް ގެންގޮސްފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހުގައެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ސަފީރު ފަހުމީ ޙަސަން ވަނީ ދާދި ފަހުން ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ދަތުރުކުރުމަށް ވިސާ ނެގުމަށް ހަމަޖެހިފައިވާ އުސޫލުތައް ލުއި ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ވިސާ ދޫކުރުމަށް ކަޑައަޅާފައިވާ އުސޫލްތައް މިހާރަށް ވުރެއް ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއެކު ރާއްޖެއިން މެލޭޝިއާއަށް ކިޔެވުމަށްދާ ދަރިވަރުންނަށް، ކުރި މަތިވަމުންދާ ދަތިތައް ހައްލުވާނޭކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ. މިބައްދަލުވުމުގައި ދެޤައުމުން މިހާރު ވެސް ހިއްސާ ކުރަމުންދާ ގާތް ގުޅުން އިތުރަށް ބަދަހި ކޮށް، އިޤްތިސޯދީ، އިޖްތިމާއި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ދެފަރާތުން މަޝްވަރާކުރެއްވިއެވެ.