ކުޅިވަރު

ޑޯޓްމުންޑް ދޫކޮށް އަކަންޖީ ސިޓީއަށް


ޖަރުމަން ލީގުގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އައި ސްވިޓްޒަލަންޑުގެ ޑިފެންޑަރު މަނުއެލް އަކަންޖީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.

ރިޕޯޓުތަށް ބުނާގޮތުން އަކާންޖި ސިޓީއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އަކާންޖީ ވެގެން ގޮސްފައިވަނީ މިސީޒަންގައި ޑޯޓްމުންޑުން ސިޓީއަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން ސިޓީއިންވަނީ ޑޯޓްމަންޑް އަށް ކުޅެމުންދިޔަ ނޯވޭގެ ފޯވަޑް އަރލިންގ ހާލަންޑް އެޓީމަށް ގެންގޮސްފައެވެ. އުމުރުން 27 އަހަރުގެ އަކާންޖީ ޑޯޓްމުންޑަށް ބަދަލުވެފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި މިހާތަނަށްވަނީ 158 މެޗް ޑޯޓްމުންޑަށް ކުޅެދީފައެވެ. އަދި ސްވިޓްޒަލަންޑް ޤައުމީ ޓީމަށް 41 މެޗް ކުޅެދީފައިވެއެވެ. އަދި މިފަހަރުގެ ވަރލްޑް ކަޕަށް ސްވިޓްޒަލަންޑް ކޮލިފައިކޮށްދިނުމުގައި އަކާންޖީވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ސިޓީއަށް ސޮއިކުރުމަށްފަހު އަކާންޖީ ބުނީ ސިޓީއަށް ބަދަލުވެވުމުން ހިތްހަމަ ޖެހިފައިވާކަމަށާއި އަދި ސިޓީއާއެކު އާސޮފްހާއެއް ފެށުމަށް ކެތް މަދުވެފައިވާކަމަށެވެ. އަދި ސިޓީއަކީ ވޭތުވެދިޔަ ދެތިން އަހަރު ޔޫރަޕްގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އެއްޓީމް ކަމަށެވެ. ސިޓީ ކުޅޭތަން ފޫހިކަމެއް ނެތި ބަލަން އިދެވިދާނެކަމަށާއި އެޓީމުން ކުޅޭ ފުޓްބޯޅައަކީ އެންމެންގެ ޝައުގުވެރިކަން ދަމައިގަންނަ މޮޅު ކުޅުމެއް ކަމަށެވެ. ހަމައެއާއެކު ޕެޕް ގާޑިއޯލާއަކީ ފާހަގަ ކޮށްލެވޭ މޮޅު ކޯޗެއް ކަމަށާއި ޓީމްގައި ތިބީވެސް ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިންކަމުން މިއީ އޭނާއަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށްވެސް އަކާންޖީ ގަބޫލް ކުރެއެވެ. އަދި ޕްރިމިއަރ ލީގުގައި އޭނާއަށް ކިހާފެންވަރެއްގައި ކުޅެވޭތޯ ބަލާލަން ލިބިގެން ގޮސްފައިވާ މިފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ބޭނުންވާކަމަށް އަކާންޖީ ހާމަކުރިއެވެ.

އަކާންޖީ ވެގެން ގޮސްފައިވަނީ މިސީޒަނަށް ސިޓީއަށް ގެންދިޔަ ފަސްވަނަ ކުޅުންތެރިޔާއަށެވެ.