މާލޭގައި މިނީ ބަހުގެ ޚިދުމަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ފުރަތަމަ ދެ ހަފްތާގައި ކުރިއަށްދާނީ ޓެސްޓް ދަތުރުތަކެވެ. މި ދަތުރުތަކަށް އެއްވެސް ފީ އެއް ނުނަގާނެއެވެ. މިނީ ބަހުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7 ރުފިޔާއެވެ.
ވެހިކަލް ލިމިޓްކުރުމުގެ ވާހަކަތަކާއި، އާއްމު ދަތުރުފަތުރުގެ ދެމެެހެއްޓެނިވި ނިޒާމެއްގެ ވާހަކައަކީ މަޝްވަރާގެ މޭޒުތަކުން ހަމައެކަނި އަޑު އިވެމުން އައި ވާހަކަތަކެކެވެ. މިހާތަނަށްވެސް އެއްވެސް ސަރުކާރެއްގައި ހައްލެއް އައިސްފައި ނުވާ މައްސަލައެކެވެ.
މި ސަރުކާރުވެސް އައީ ތޮއްޖެހުން ބޮޑު މާލޭގެ މަގުތަކަށް ލުޔެއް ހޯދައިދީ، މަގުތަކަކީ އާއްމުންނަށް ބޭނުންކުރަން ފަސޭހަ، ރައްކާތެރި ތަނަކަށް ހައްދަވައިދެއްވާނެކަމުގެ ވަޢުދާއެކުއެވެ. މާލޭގެ ތޮއްޖެހުން ކުޑަކޮށް، އާއްމުންނަށް ބަރޯސާ ވެވޭ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއްގެ ވާހަކަ ގެނެސްދިނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުއެވެ. އަދި މިއަދު މި ފެންނަނީ މީގެ ފެށުމެވެ.
މާލޭގެ ހަނި މަގުތަކުގައި ދުއްވޭގޮތަށް، މާލެއާއި ރައްޓެހި ބަސްތަކެއް ގެނެސް، މިހާރު މިއޮތީ ޚިދުމަތް ފަށަން ތައްޔާރަށް ކަމަށް އެ މަސައްކަތް ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެއެވެ.
މިނީ ބަހުގެ ޚިދުމަތަށް 18 ބަސް މާލޭގައި ބޭނުންކުރާނެއެވެ. އޭގެތެރެއިން 8 ބަހުގައި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހަ ކަމާއެކު ދަތުރުކުރެވޭނެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަހުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެންމެ ގިނަ ބަޔަކު އެކި ބޭނުންތަކުގައި ގޮސް އުޅޭ ސަރަޙައްދުތަކަށް އިސްކަންދީގެންކަމަށެވެ.
ބަސް ދަތުރު މައިިގަނޑު 3 ރޫޓަކުން ބާއްވާނެއެވެ. އެއީ ސޯސަން ރޫޓް، އަމީނީ ރޫޓް އަދި އޯކިޑް ރޫޓެވެ. ސޯސަން ރޫޓްގައި 8 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ. އަމީނީ ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ.
ބަހުގެ ރޫޓްތައް ކަނޑައަޅާފައިވާގޮތުން، ސްކޫލަށް ދާ ކުއްޖާއާ އޮފީހަށް ނުވަތަ ހޮސްޕިޓަލަށް ދާ މީހާ، ދިހަ މިނެޓަށްވުރެ ކުޑަ ވަގުތުކޮޅަކުން ހިނގާފަ ދެވޭހާ ކައިރިއަށް ބަސް މަޑުކުރާނެއެވެ. އެއީ އެންމެ ދުރު ހިސާބުތަކަށެވެ. ނަމަވެސް ރޫޓްތައް ކަނޑައެޅިފައިވާގޮތުން، އާއްމު ޚިދުމަތްތައް ޤާއިމުވެފައިހުރި ތަންތަނާ ވަރަށް ކައިރީގަވެސް ބަސް ސްޓޮޕްތައް ވަނީ ޤާއިްމކޮށްފައެވެ.
މި ބަސް ރޫޓްތަކުން ހެންވޭރުން މާފަންނަށް ފަސޭހަކަމާއެކު ގުޅާލަދެއެވެ. ކޮންމެ ބަސް ސްޓޮޕެއްގެ ދެމެދުގައި ހުންނާނީ ފަސްވަރަކަށް މިނެޓުން ހިނގާފަ ދެވޭހާ ދުރުމިނެވެ.
"ސެޕްޓެމްބަރު 5 އެއީ ޓެސްޓް ދަތުރުތައް ފަށާ ދުވަސް. 2 ހަފްތާ ވަންދެން އެއްވެސް އަގެއް ނުނަގާނެ. ދާއިމީކޮށް ބަހުގެ ޚިދުމަތް މާލެތެރޭގެ ބަހުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7 ރުފިޔާ." އާޒިމް ވިދާޅުވިއެވެ
ޓެކްސީއެއްގައި މާލެތެރޭގެ ދަތުރެއް ކުރާނަމަ އެއީ 30 ރުފިޔާއެވެ. މިނީ ބަހުގެ ދަތުރުގެ އަގު 7 ރުފިޔާއަށް ސަރުކާރުން ކަނޑައަޅާފައިވަނީ އާއްމުންނަށް ވީހާވެސް ހެޔޮ އަގެއްގައި އަތްފޯރާ ފަށުގައި ދަތުރުކުރެވޭގޮތަށެވެ.
ބަހުގެ ޚިދުމަތުގައި ސްކޫލް ކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި، 3 އަހަރުން ދަށުގެ ކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރުކުރެވޭނެއެވެ. މިއީވެސް ބެލެނިވެރިންނާއި އާއްމު ރައްޔިތުންނަށްވެސް ލިބޭ ބޮޑު ލުޔެކެވެ.
#RTL
— Government of Maldives (@governmentmv) September 1, 2022
މިނީބަސް: މާލޭގެ އާއްމު ދަތުރުފަތުރަށް ލުޔެއް ލިބި، މާލެއަކީ ހިތްފަސޭހަ ތަނަކަށް ބަދަލުވެގެންދާނެ. pic.twitter.com/Nr8t0pfqoj
ބަހުގެ ޚިިދުމަތް ދަންވަރުގެ ވަގުތު ފިޔަވާ ހުރިހާ ވަގުތެއްގައި ލިބޭނެއެވެ.
""ބަސް ދަތުރު އޮންނާނީ ފަތިހު 5:45އިން ފެށިގެން، ދަންވަރު 12:15އަށް. ކޮންމެ 10 މިނެޓަކުން ސްޓޮޕަށް ބަސް މަޑުކުރާނެ." އާޒިމް ވިދާޅުވިއެވެ.
ބަހުގެ ޚިދުމަތަކީ އާއްމުންނަށް ބަރޯސާ ވެވޭ، ދެމެހެއްޓެނިވި ޚިދުމަތަކަށް ހައްދަވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.
އެގޮތުން ގޭގައި ތިބެގެން ބަހުގެ ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް "ކިއު.އާރް ޓިވެޓިންގ"ވެސް މިވަނީ ތަޢާރަފްކޮށްފައެވެ. މިގޮތަށް ނަގާ ޓިކެޓް ނެގުމަށްފަހު، 7 ދުވަހުގެ މުއްދަތަކަށް ބޭއްވޭނެއެވެ.